މަސްތުވުމުގެ ބަލިން ސަލާމަތްވާން މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮމިއުނިޓީ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ތިބޭ ކްލައެންޓުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންތަކުގައި ބައިވެރި ވުމަކީ މަޖުބޫރު ކަމެއް ކަމަށް އެ އެޖެންސީން މިއަދު ބުނެފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ބުނީ އެ އޭޖެންސީގެ ބެލުމުގެ ދަށުގައި ތިބޭ ކްލައެންޓުންގެ ތެރެއިން ހާއްސަކޮށް އެއްވެސް ވަޒީފާއެއް އަދާނުކުރާ ކްލައެންޓުން އެ އޭޖެންސީން އަންގާ ޓްރެއިނިންތަކުގައި ބައިވެރިވުމަކީ ކޮމިއުނިޓީ ގަވާއިދުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިނުވާ ކްލައެންޓުންނާ މެދު ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މަސްތުގެ ބަލިން ސަލާމަތްވާން މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮމިއުނިޓީ ކްލައެންޓުންގެ ގޮތުގައި ހިމެނެނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުގެ ފަރުވާދޭ މަރުކަޒަކުން ފަރުވާ ފުރިހަމަކުރުމުން ވަކި ކަންތައްތަކަކަށް ޝަރުތުކޮށް މުޖުތަމައަށް ދޫކޮށްފައިތިބޭ މީހުންނާއި، ޑްރަގް ކޯޓުން ކޮމިއުނިޓީ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިތިއްބާން ހުކުމް ކޮށްފައިމތިބޭ މީހުންނެވެ.

ކޮމިއުނިޓީ ފަރުވާ ހޯދަމުން އަންނަ 200 އަށްވުރެ ގިނަ މީހުން މިހާރުވެސް އެބަ ތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މައުލޫމާތު ދެއެވެ.