އަންނަ މަހުގެ 12 އަދި 14 ވަނަ ދުވަހު ޕާކިސްތާނުގެ ގައުމީޓީމާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރެކްޓިސްތައް އަންނަ މަހުގެ ހަވަނަ ދުވަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.

ގައުމީ ޓީމްގެ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި މިވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެމުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެއަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.

އެފްއޭއެމް އިން ބުނެފައިވަނީ ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިވަގުތު ޗުއްޓީގައި ރާއްޖެއިން ބޭރުގައި ހުރި ޓީމުގެ ހެޑްކޯޗް އިސްތަވާން އުރުބާނީ މާލެ އައުމުން ކޯޗުގެ ބެލުމުގެދަށުން ކަމަށެވެ. ކޯޗު މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަދުވަހު އެވެ.

އެފްއޭއެމް އިން އިތުރަށް ބުނެފައިވަނީ ގައުމީޓީމުގައި ކުޅުންތެރިން ހިމެނޭ ކުލަބުތަކަށް މިހާރުވާނީ އެ ކުޅުންތެރިން ދޫކުރުމާބެހޭ ގޮތުން ސާކިއުލާއެއް ފޮނުވާފައި ކަމަށެވެ.