ވެށިފަހި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އާއި ހުޅުމާލެ އިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ބީ ކެޓަގަރީ އަށް ހޮވުނު 515 މީހުންގެ ނަން ގެޒެޓްކުރަން ފޮނުވައިފި އެވެ.

ވެށިފަހި ޕްރޮގްރާމްގެ ބީ ކެޓަގަރީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާގުޅޭ ގޮތުން މިއަދު ވެލާނާގެ ޕްރެސް ރޫމްގައި މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބުދުލް މުއިއްޒު ވިދާޅުވީ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދެ ލިސްޓެއް ގެޒެޓްގައި އާންމު ކުރައްވާނެ ކަމަށެވެ. އެގޮތުން އެއްލިސްޓަކީ 275 ޕޮއިންޓް ލިބިގެން އޮޓަމެޓިކުން ހޮވުނު 470 މީހުންގެ ލިސްޓެވެ. އަދި ދެވަނަ ލިސްޓުގައި ހިމެނޭނީ 235 އާއި 275 އާ ދެމެދު ޕޮއިންޓް ލިބުނު 450 މީހުންގެ ނަމެވެ. އެމީހުންގެ ތެރެއިން ފުލެޓް ލިބޭނީ ގުރުއަތުން ހޮވޭ 75 ފަރާތަކަށެވެ.

މުއިއްޒު ވިދާޅުވީ ފުލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އޮޓެމެޓިކުން ފުލެޓް ލިބުނު 470 މީހުންގެ ތެރޭގައި 45 ދެމަފިރިން ހިމެނޭތީ އެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ޖެހޭނީ ފުލެޓް ދޫކޮށްލަން ކަމަށެވެ. އަދި އެހެންވެ ފުލެޓް ލިބޭ މީހުންގެ އަދަދު އިތުރު ކުރީ ކަމަށެވެ. ކުރިން ހަމަޖެހިފައި އޮތީ ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 450 މީހަކަށް ފުލެޓް ދޭ ގޮތަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ އިތުރު ކޮށްފަ އެވެ.

ބީ ކެޓަގަރީން ހުށަހަޅާފައިވާ 7000 ފޯމްގެ ތެރެއިން ބީ ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ސީ ކެޓަގަރީ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން ބީ ކެޓަގަރީން މާލެ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ 80 ފްލެޓެވެ.