21 Jan 2013, 15:42
ތްރީއޭ ޓްރޭޑިންގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއާ ގުޅޭ ގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކޮށްފައިވާ ދައުވާ އަކީ އިސްލާމީ ޝަރީއަތާ ޚިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށް ބުނެ އެ ކުންފުނިން ހުށަހަޅަން އުޅުނު ލިޔުންތައް މިއަދުގެ ޝަރީއަތަށް ހުށަނޭޅުމުން ދެން އޮންނަ އަޑުއެހުމަކަށް އެ ލިޔުންތައް ހުށަހެޅުމަށް ޝަރީއަތުން އަންގައިފި އެވެ.
މީރާއިން ދައުވާ ކޮށްފައިވަނީ ތްރީއޭ ޓްރޭޑިންގެ ފަރާތުން ހިންގަމުންދާ ފިލިތެޔޮ އައިލެންޑް ރިސޯޓުން ލީސްރެންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި އެފައިސާ ނުދެއްކުމުން ޖޫރިމަނާއަށް އަރާފައިވާ ފައިސާ އާއި އެ ރިސޯޓުގެ ބިމު ކުއްޔާއި އެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ހޯދުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާއިން ހިންގާ އެ ރިސޯޓުން ކުލި ނުދެއްކުމުން ޖޫރިމަނާއަށް އަރާފައިވާ ފައިސާ ހޯދުމަށް މީރާއިން އުޅެނީ އިސްލާމީ ޝަރީއަތާ ޚިލާފަށް ކަމަށް ބުނެ އެކަން ސާބިތު ކުރުމަށް އަރަބި ބަހުން ލިޔެފައިވާ ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅަން ބޭނުންވާކަމަށް ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތްރީއޭގެ ވަކީލު ވިދާޅުވުމުން ގާޒީ ވަނީ މިއަދު އޮންނަ ޝަރީއަތަށް އެ ލިޔުންތަކުގެ ތަރުޖަމާ ހުށަހެޅުމަށް އަންގާފަ އެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެ ކުންފުނިން އެ ލިޔުންތައް ހުށަހަޅާފައި ނުވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެ ލިޔުންތައް ހުށަހެޅުމަށް ގާޒީ ވަނީ މިއަދު އެ ކުންފުންޏަށް އަންގާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މީރާއިން ވަނީ އެ ކުންފުނީގެ ފަރާތުން ކުލި ނުދެއްކުމުން ޖޫރިމަނާއާ އެކު މިއަދާ ހަމައަށް އަރާފައިވަނީ 5،092،367.6ރ. ކަން އަންގައިދޭ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފަ އެވެ.
އެލިޔުން ހުށަހެޅުމަށް ފަހު މީރާގެ ވަކީލު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން މީގެ ކުރިން ވެސް ޖޫރިމަނާއަށް އަރާފައިވާ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާ އިރު ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއަކުން ވެސް ޖޫރިމަނާގެ ފައިސާ އަކީ އިސްލާމީ ޝަރީއަތުގެ ދަށުން ނަގައިދެވޭނެ ފައިސާއެއް ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން އެފައިސާ ހޯދުމަށް ދައުވާކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވާކަމަށްވެސް މީރާގެ ވަކީލު ވިދާޅުވި އެވެ.
މި ޝަރީއަތުގެ ދެން އޮންނަ އަޑު އެހުން އޮންނާނެ ތާރީހެއް އަދި ކޯޓުން ކަނޑައަޅައިފައެއް ނުވެއެވެ.