21 Jan 2013, 15:30
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށްވެސް ވިކްޓަރީ ސްޕޯޓްސް ކުލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްޕޮންސާކޮށްފި އެވެ.
އެ ދެ ޓީމާއެކު ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއިކުރުން އޮތީ ރޭ އިރާކޮޅު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގަ އެވެ.
ސްޕޮންސާޝީޕް އެގްރީމެންޓްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ. އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުލަބުގެ ވަގުތީ ޗެއާޕާސަން މުޙައްމަދު ޙަމީދު (އުމަރުބެ) އެވެ. އަދި އޭވައިއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޓީމުގެ މެނޭޖަރު މުޙައްމަދު ލަމްޢާން އެވެ.
އެ ރަސްމިއަޔާތުގައި އާޒިމް ވިދާޅުވީ އެސްޓީއޯ އަކީ އަބަދުވެސް ޒުވާނުންނަށް ކުރިއެރުން ގެނެސްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި އަދި ހާއްސަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރުމަކީ ހިޓާޗީ ކުންފުންޏާއި އަދި އެސްޓީއޯއިން ވެސް ވަރަށް ބޭނުންވާ ކަމެއް ކަމުގައެވެ.
އާޒިމް އިތުރަށް ވިދާޅުވީ ވިކްޓަރީއާ އެކު ހިޓާޗީ ޕްރޮމޯޓްކުރުމަށް މަސަކަތް ކުރަނީ ވިކްޓަރީއަކީ ވޭތުވެ ދިޔަތަނުގައި ރަނގަޅު މާޒީއެއް އޮތް ޓީމަކަށް ވުމާ އެކު އެޓީމަށް ކުރެވޭ އިތުބާރެއްގެވެސް ބޮޑުކަމުން ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން 1992 ވަނައަހަރު ވިކްޓަރީގެ ހުރިހާކުޅުންތެރިން ދިޔަތަނަކަށް ގޮސް ބާކީ ތިބީ އެންމެ ދެ ސްޓާ ޕްލޭޔަރުން. ނަމަވެސް އަހަރު ނިންމާލީ އެންމެ މޮޅު ކުލަބުގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ވިކްޓަރީއަށް އޮންނަ އިތުބާރެއް މިއޮންނަނީ އެކަހަލަ ދުވަސްތަކެއް ދޫކޮށްފަ ވާތީ. މާޒީއަކީ ކުރިއަށް ދިއުމުގައި ހަމަގައިމު ވެސް ބަލަން ޖެހޭ އެއްޗެއް،" އާޒިމް ވިދާޅުވި އެވެ.
ވިކްޓަރީގެ ވަގުތީ ޗެއާޕާސަން އުމަރުބެ ވިދާޅުވީ ހިޓާޗީ އަކީ އެޓީމުގެ ބައެއްކަމަށާއި އެހެންކަމުން ވިކްޓަރީގެ ފަރާތުން ހިޓާޗީ ޕްރޮމޯޓް ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ކުލަބުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްދިޔަ ކަމުގައި ވިޔަސް ވިކްޓަރީ ޖެހިލުން ނުވާކަމަށާއި އެކުލަބަކީ އަބަދުވެސް ސްޓާ ޕްލޭޔަރުން އުފައްދާ ކުލަބެއް ކަމަށް އުމަރުބެ ވިދާޅުވި އެވެ.
އޭވައިލްއާއެކު ސްޕޮންސާޝިޕް އެގްރީމެންޓުގައި ސޮއިކުރުމަށްފަހު އާޒިމް ވިދާޅުވީ އޭވައިއެލް އަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ޓީމެއް ކަމަށާއި އެހެންކަމުން އެޓީމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަކީ އެސްޓީއޯ އާއި އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ ނިޕޯން ބްރޭޑްގެ މެނޭޖްމަންޓުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
މިއަހަރު އެސްޓީއޯއިން ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމެއް ސްޕޮންސާ ކޮށްފައިވެ އެވެ. އެގޮތުން ފިލިޕްސް ބްރޭންޑް އިޝްތިހާރު ކުރުމަށް ކުލަބް ވެލެންސިޔާ، ހިޓާޗީ ބްރޭންޑް އިޝްތިހާރު ކުރުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބް، ނިޕޯން ބްރޭންޑް އިޝްތިހާރު ކުރުމަށް އޭވައިއެލް އަދި މަކިޓާ ބްރޭންޑް އިޝްތިހާރު ކުރުމަށް މާޒިޔާއާ އެކުވަނީ އެގްރީމެންޓް ކޮށްފަ އެވެ.