21 Jan 2013, 15:19
ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީ ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށާއި އެ ގޮންޖެހުންތަކުން ސަލާމަތް ވުމަށް ޓަކައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަމަށް ޓަކައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ތަންތަނާއި ވައިގެ ދަތުރުފަތުރުގެ ސަލާމާތީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ފައްތާން ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ރާއްޖެ އަކީ ކިތަންމެ ސުލްހަވެރި ގައުމެއް ކަމަށް ވިޔަސް އަޅުގަނޑުމެންނާ ކުރިމަތި ވެފައިވާ ނުރައްކާތައް ވަރަށް ގިނަ. އަޅުގަނޑުމެން އަބަދު ވެސް ތިބެން ވާނީ ދިމާވެފާނެ ނުރައްކަލަކަށް ތައްޔާރުވެގެން. އެހެން ކަމުން މިއަދު ތައާރަފް ކުރެވުނު އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑް ތަރައްގީ ކުރަމުން ގެންދާނީ ރާއްޖޭގެ އެއާޕޯޓްތަކާއި ވައިގެ ދަތުރުފަތުރު ކުރުމުގެ އެހެނިހެން ވަސީލަތްތަކާއި އެ ވަސީލަތްތައް ބޭނުން ކުރާ އެންމެހައި ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކޮށް އޭވިއޭޝަންގެ ހިދުމަތް ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރޮފެޝަނަލްކަމާ އެކު ފޯރު ކޮށް ދިނުމަށް. އެ ކަމަށް ޓަކައި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނަން." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކޮށް ތަރައްގީ ކުރުމަށް ޓަކައި ފަސް އަހަރުގެ ޕްލޭނެއް އެކުލަވައިލައިފައިވާ ކަމަށެވެ. އަދި އެ ޑިވޮލޮޕްމެންޓް ޕްލޭން އެކުލަވައިލައިފައި ވަނީ ފަސް ސްޓްރެޖެޓީއެއްގެ މައްޗަށް ބިނާ ކޮށް 12 ދާއިރާ އަކަށް ފޯކަސް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ ޑިވެލޮޕްމެންޓް ޕްލޭން ނިމިގެންދާ އިރު ބައިނަލްއަގުވާމީ ފެންވަރަށް ރާއްޖޭގެ ވައިގެ ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ފޯރު ކޮށް ދެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭވިއޭޝަން ކޮމާންޑް ތަރައްގީ ކުރެވޭނީ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހައި ފަރާތްތަކެއްގެ އެއްބާރު ލުމާއި އެހީ ތެރިކަން ލިބިގެން ކަމަށެވެ.
މިއަދު ގާއިމް ކުރެވުނު އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ ދަށުން މަސައްކަތް ކުރާ ހުރިހައި ފަރާތްތަކެއްގެ އާއިލާއަށް އެމްއެންޑީއެފްގެ ހޮސްޕިޓަލުން ބޭސް ފަރުވާ ކުރެވޭނެ ނިޒާމް ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭވިއޭޝަން ކޮމާންޑްގައި މަސައްކަތް ކުރާ ފަރާތް ތަކުގެ އާ ޔުނިފޯމް އަންނަ ފެބްރުއަރީ މަހު ތައާރަފް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ ޑިވަލޮޕްމެންޓް ޕާޓްނާސްގެ ގޮތުގައި ހަ އެއާލައިންއަކާ އެކު ވަނީ ސޮއި ކޮށްފަ އެވެ، އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހައި އެއާލައިންތަކެއް އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑް ޑިވަލޮޕްމެންޓްގައި ސޮއި ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިވަލޮޕްމެންޓް ޕާޓްނާސްގެ ސަބަބުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުމަށް އިތުރު ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އޭވިއޭޝަން ދާއިރާގައި ދިގު މުއްދަތެއް ވާންދެން ހިދުމަތް ކުރެއްވި ފަރާތް ތަކަށް ހަދާނީ ލިޔުން ދެއްވައިފަ އެވެ.