21 Jan 2013, 14:40
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގައި ފަސް ޓީމް ބައިވެރިވެއްޖެ އެވެ.
އަންނަ ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ އެ މުބާރާތުގައި ވާދަކުރާ ފަސްޓީމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ދިރާގާއި އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގައެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަންއެވެ.