ގދ. ތިނަދޫގައި ސްކޫލް ދޮށަށް ކުއްޖަކު ބަލައި ދަނިކޮށް ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވި އަންހެންމީހާ ދާދި ދެންމެ އަކު މަރުވެއްޖެއެވެ. މި އެކްސިޑެންޓުގައި މަރުވި އަންހެނަކީ ގދ. ތިނަދޫ ވޭވްބްރޭކް އަނީގާ އަޒީޒެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު ޝަހުޒާ ހުސެއިން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 33 އަހަރުގެ އަނީގާ މަރުވެފައިވަނީ ދާދި ދެންމެއަކު ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޮޑު ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި މި ގޮތުން އޭނާގެ ސިކުނޑީގެ ނާށިގަނޑުގައި ރެނދެއްލައިފައިވާ ކަމަށެވެ.

"އެ މީހާ ވަނީ ދާދި ދެންމެއަކު ނިޔާވެފައި، އަދި އެނާގެ ވަރަށް ގިނަ ތަންތަންވަނީ ފުރެކްޗާ ވެފައި، ދެން ބޯ ވެސް އޮތީ ވަރަށް ބޮޑަށް ޗިސްވެފައި،" ޝަހުޒާ ވިދާޅުވި އެވެ.

އަނީގާ އެކްސިޑެންޓު ވެފައިވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ބަލައި ސުކޫލު ދޮށަށް ދަނިކޮށް މިއަދު މެންދުރު 12:30 އެހާކަށް ހާއިރު ތިނަދޫ ހިއްކި ސަރަހައްދުން ދުއްވާފަދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. އަނީގާ ގައިގައި ޖެހުނު ޕިކަޕަކީ އޭނާ މަސައްކަތްކުރާ ފިހާރައިގެ ޕިކަޕެކެވެ. އެޕިކަޕު އެވަގުތު ދުއްވާން އިނީ ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.