ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ފިލި ކަމަށް ބުނާ ދެ އަންހެން ކުދިން ކ. މާފުށި ޖަލަށް ގެންދިޔަ މައްސަލާގައި ޝަމިލުވާ ހުރިހާ އިދާރާތުގެ ވެރިން ގައުމީ ސަލާމާތު ކޮމެޓީ އަށް ހާޒިކުރުމަށް ނިންމައިފި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމެޓީން ނިންމާފައި ވަނީ ވިލިމާލެ ކުޑާކުދިންގެ ހިޔާގެ އިސްބޭފުޅުންނާއި ޑިޕީއާރުއެސް ޖެންޑާ މިނިސްޓްރީއާ ހިއުމަންރައިޓްސް ކޮމިޝަން ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. އެގޮތަށް ފާސްވީ ކޮމެޓީ އަށް ހާޒިރުވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ހުރިހާ އިދާރާތުގެ ވެރިން ކޮމެޓީ އަށް ހާޒިރު ކުރާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާރޭ 8:30 އަށެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ ކުޑަދެކުދިން ޖަލަށް ގެންދިޔަ މައްސަލައިގައި ސުވާލު އުފެދޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ތޯރިގް ވިދާޅުވީ މި މައްސަލަ ފެންމަތި ކުރީ އެޗްއާރުސީއެމް ކަމަށް ވުމުން އެ ކޮމިޝަނުން މިކަން ކުރި މަގުސަދު ބަލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިންސާނިއްޔަތާ ޚިލާފް އެތައް ކަމެއް ހިނގަމުންދާ އިރު އެކޮމިޝަނުން އަޅާނުލައި ތިބުމަށް ފަހު މި މައްސަލަ ފެންމަތީ ކުރީ ސަރުކާރު ބަދުނާމު ކުރުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ނަމަވެސް ތޯރިގް ދެއްކެވި ވާހަކަތަކަށް ކޮމެޓީގެ އެހެން މެމްބަރުން ދެކޮޅު ހެއްދެވި އެވެ. އެ މެމްބަރުން ވިދާޅުވީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އެނގޭނީ ކަމާ ބެހޭ އިދާރާތައް ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމުން ކަމަށެވެ.

މިއަދުގެ ކޮމެޓީ އަށް ހާޒިރުވެ ވަޑާއިގެންނެވި ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ނާޒިމާ ތޯރިގެވެ.