21 Jan 2013, 13:58
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިިންގަމުން އަންނަ ޒިތާލީ ރިސޯޓް އެންޑް ސްޕާ (ކުޑަފުނަފަރު) އިން ތިން ލައްކަ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި އިރު އެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިވާ ކަމަށް އެ ކުންފުނީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފި އެވެ.
ހަމްޒާގެ ކޮއްކޮ ހ. ގިރިތެރޭގޭ މޫސާ ޝިޔާމް އަބްދުﷲ އަލީގެ މައްޗަށް މިމަހުގެ 18 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ޒިތާލީ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ލީސްރެންޓާއި ބިމު ކުއްޔާއި އެޑްވާންސް ޕޭމަންޓް އެޖަސްޓް ކުރުމުން ދައްކަން ޖެހޭ ފައިސާ އާއި އެ ފައިސާ ދައްކަން ޖެހޭ ތާރީީޚަށް ދައްކާފައި ނުވާތީ 08 ނޮވެމްބަރު 2012 އާ ހަމަ އަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 384،172.68 ޑޮލަރަކީ އެ ރިސޯޓުން މީރާ އަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. އެފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ވެސް ހުމުމްގައި ބުނެފައިވެ އެވެ. ނަމަވެސް އޭގެ ދެ ދުވަސް ކުރިން މީރާ އިން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މީރާ އަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
އެ ރިސޯޓުގެ ކުލީގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތް ފައިސާ ތިން އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސައި، ކުލި ނުދެއްކުމުން ޖޫރިމަނާ އަށްވާ ފައިސާ 10 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
ސަރުކާރާ އެކު އެރިސޯޓުގެ މެނޭޖްމަންޓުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިވަނިކޮށް އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ކީއްވެތޯ ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތުރީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓުން ކުރި އެ ހުކުމާ އެގޮތަށް އެ ފައިސާ ދައްކާފައިވާ ކަމަށާއި ނަމަވެސް އެކަން މީރާ އިން ކޯޓަށް އަންގާފައިނުވާ ކަމަށެވެ. އަދި ކޯޓުގެ ހުކުމާ މެދު އަމަލް ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒިލާތީ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާއަށްވާ ފައިސާގެ ތެެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރަށްވާ ފައިސާ ދައްކާފައިވާ ކަން މީރާ އިން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާ އިރު އެއީ ކިހާ ފައިސާއެއް ކަމެއް އެކުންފުންޏަކުން އަދި މީރާ އިން ވެސް ބުނެފައެއް ނުވެ އެވެ.