21 Jan 2013, 13:51
ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ނުވަތަ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް މިހާތަނަށް އެކަށީގެންވާ ސަމާލުކަން ދީފައި ނުވާކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑް ރަސްމީކޮށް އިފްތިތާހް ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ހިދުމަތް ދިނިމުގައި ދިގު ތާރީހެއް އޮތް ނަމަވެސް ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ހިދުމަތްތައް ފޯރު ކޮށްދިނުމުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް މިހާތަނަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ.
"އެއާ ސިކިއުރުޓީ އަކީ އެއާ ސްޕޭސްގެ ސެކިއުރިޓީ އަކީ އޭވިއޭޝަން ސިކިއުރިޓީ އަކީ މިއަދު އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމީއްޔަތުކަން ދޭން ޖެހިފައިވާ ކަމެއް. ރާއްޖޭގައި ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ހިދުމަތްތައް ފޯރުކޮށް ދިނުން ނުވަތަ އޭވިއޭޝަން ސިކިއުރިޓީ އޮތީ މިހާތަނަށް އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ދާއިރާ އެއްގެ ގޮތުގައި. " ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާން ވިދާޅުވީ ރާއްޖެ އަށް ދަތުރު ކުރާ އެއާލައިންތަކާއި ޕްރައިވެޓް ޖެޓްތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށާއި އެހެން ކަމުން ވައިގެ ދަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑު ސަމާލު ކަމަކަކާއި އަހައްމިއްޔަތެއް މިއަދު ދޭން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާން ވިދާޅުވީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ކުރި އަށް ވުރެ ބޮޑަށް މިހާރު ސަމާލުކަށް ދޭން ޖެހިފައިވާ ކަމަށެވެ.
އަލަށް އުދެއްދި އޭވިއޭޝަން ކޮމާޑްގެ ސަބަބުން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާވެ ވައިގެ ބަނދަރުތައް ބައިނައްލަޢުވާމީ މިންގަނޑުތަކަށް ފެތިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭވިއޭޝަން ދާއިރާ އިތުރަށް ކުރި އަރުވައި ތަރައްގީ ކުރުމަށް ވެސް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދަށް ތަފާތު އެކި ގޮތް ގޮތުން ކުރިމަތިވެފައިވާ ނުރައްކާތައް މަދު ނޫން ކަމަށާއި އެކަމަށް ޓަކައި ރާއްޖޭގެ ވައިގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ ގައުމެއްގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ އެ ގައުމެއްގައި އޭރަކު އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށާއި އަދި ގައުމުގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަކީ ގައުމުގެ އިޖްތިމާއި އިގްތިސާދީ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ޓަކައި ކުރިއަށް އޮތް ތަނުގައި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާން ވިދާޅުވީ ކުރިއަށް ތަނުގައި ސަރުކާރުން ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
ވައިގެ މަގުން ރާއްޖެ އަށް ދިމާވެދާނެ އެންމެހައި ނުރައްކާތަކުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރެވޭނެ އެންމެ ވަރުގަދަޔަކަށް ހިމާޔަތްކޮށް ދެއްވައި އޭވިއޭޝަން ކޮމާންޑްގެ ދަށުން ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓައި ދިނުމަށް ރައީސް އޭވީއޭޝަން ކޮމާންޑްގެ ފަރާތުން އެދިވަޑައި ގެންނެވި އެވެ.