21 Jan 2013, 13:21
ގދ. ތިނަދޫގައި ސްކޫލް ދޮށަށް ކުއްޖަކު ބަލައި ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެ މީހާ ހޭނެތިއްޖެ އެވެ.
ތިނަދޫން ސަން އޮންލައިނަށް ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ތިނަދޫ ހިއްކި ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ކުއްޖަކު ބަލައި ސްކޫލް ދޮށަށް ދިޔަ އުމުރުން 33 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާ ގައިގައި ޕިކަޕް ޖެހުމުގެ ސަބަބުން އޭނާ ހޭނެތި އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޕިކަޕުން ޖެހި އެކްސިޑެންޓް ހިނގާފައިވާ އެެ އަންހެން މީހާއަކީ އެ ރަށު ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި އެ އަންހެންމީހާއަކީ އެ ފިހާރައިގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވެސް ބުނާ އިރު ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ އެ އެކްސިޑެންޓްވި އަންހެން މީހާ އަށް ފަރުވާދިނުމުގެ ގޮތުން ތިނަދޫ ރީޖަނަލ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެ އަންހެންމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި ހޮސްޕިޓަލުން އިތުރު މައުލޫމާތެއް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އަންހެންމީހާއާ ބެހޭ ގޮތުން ތިނަދޫ ހޮސްޕިޓަލުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.