21 Jan 2013, 12:32
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން އިންތިޒާމް ކޮށްގެން އެސެޓް މެނޭޖްމަންޓް އެންޑް ކަސްޓޯޑިއަން ސާވިސަސްގެ ނަމުގައި މިއަދު ހެނދުނު ސެމިނާއެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
އެއްދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސެމިނާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އެމްޕީއޭއޯއިން ހިންގާ ސެމިނާއެކެވެ.
މިސެމިނާގައި އެސެޓް މެނޭޖްމަންޓަކީ ކޮބައިކަމާއި ކަސްޓޯޑިއަން ސާވިސްއާ ބެހޭގޮތުން ސެމިނާގެ ބައިވެރިންނަށް މައުލޫމާތު ދެއްވާނީ ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓާ ހޯޓަން އާއި އެމްޕީއޭއޯގެ ކޮންސަލްޓަންޓް އޮން އިންވެސްޓްމެންޓް ޖެރަމީ ގަޑްބަރީ އާއި އެޗްއެސްބީސީގެ ކަންޓްރީ މެނޭޖަރ މޯލްޑިވްސް އީރާޖް ވިމަލަސޫރިޔާގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ލީގަލް އެންޑް ރެގިއުލޭޓަރީ ކޮންސަލްޓަންޓް ރޮބާޓް އެޗް. ސިންގަލްޓަރީ ހިމެނެ އެވެ.
މިއަދު ކުރިއަށްގެންދާ ސެމިނާއާ ބެހޭގޮތުން އެމްޕީއޭއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ އެ ސެމިނާގެ އެންމެ ބޮޑު މަގްސަދަކީ ޕެންޝަންގެ ގާނޫނުގައި ވާފަދައިން މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ރިޓާން ސްކީމް (އެމްއާރުޕީއެސް)އާ ބެހޭގޮތުން އެކިފަރާތްތަކަށް މައުލޫމޫމާތު ދިނުމާއި އަދި އާންމުން އެކަމަށް ހޭލުންތެރި ކުރުވުމެވެ.
އެމްޕީއޭއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ވިދާޅުވީ ޕެންޝަން އެސެޓްސް (ޕެންޝަންގެ ގޮތުގައި ޖަމާވެފައިހުރި ފައިސާގެ އަދަދު) ގާތްގަނޑަކަށް 1.6 ބިލިޔަން ރުފިޔާއަށް އެބަ އަރާ ކަމަށާއި އެހެންކަމުން އެފައިސާ ރަނގަޅުގޮތުގައި ބޭނުންކޮށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެއިން އިތުރު ފައިދާއެއް ލިބޭނޭ ގޮތް ހޯދައިދިނުމަކީ ވެސް މިއަދު މި ބޭއްވޭ ސެމިނާގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ.
"އަޅުގަނޑުމެންގެ ޕެންޝަން އެސެޓްސް ނުވަތަ ޕެންޝަން ފައިސާ ޖަމާވެފައި ހުރި އަދަދު 1.5 ބިލިޔަން ރުފިޔާއަށް އަރައިފި. އަދި ކޮންމެ މަހެއްގެ ކަލެކްޝަން (ބައިވެރިންގެ އަތުންލިބޭ މިންވަރު) ގާތްގަނޑަކަށް 55 މިލިޔަން ވަރު އެބަވޭ. އެހެން ކަމުން އެފައިސާ އިންވެސްޓް ކޮށްގެން މެންބަރުންނަށް ފައިސާ އިތުރުކޮށްދިނުމަކީ މިސިސްޓަމްގެ އެންމެ މުހިއްމު އެއް ދާއިރާ. އެގޮތުން އެސެޓް މެނޭޖް ކުރުމުގެ ބައި އަޅުގަނޑުމެން މިހާރު މި ބަލަހައްޓަނީ" މުޙައްމަދު ޙުސައިން މަނިކު ވިދާޅުވިއެވެ.
އެނާ އިތުރަށް ވިދާޅުވީ މިވަގުތު ޕެންޝަނަށް ލިބޭ ހުރިހާ ފައިސާއެއް މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޕީއޭއޯ އިން ކަމަށާއި އެ ސިސްޓަމް ބައްޓަން ކުރެވިފައި ހުރިގޮތުން ޕެންޝަން އެސެޓްސް މެނޭޖް ކުރުމަކީ ޕްރައިވެޓް ސެކްޓާއަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިވަގުތު އެކަމާ ބެހޭ މައުލޫމާތު ދިނުމާއި ކަމާގުޅޭ ދާއިރާތަކުން މީހުން އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ކަސްޓޯޑިއަން ސާވިސްއާ ބެހޭގޮތުން އެމްޕީއޭއޯގެ ސީއީއޯ ވިދާޅުވީ "ކަސްޓޯޑިއަން ކޮންސެޕްޓަކީ އަޅުގަނޑުމެން ރާއްޖެއަށް މުޅިން އާކަމެއް. ކަސްޓޯޑިއަންގެ ވިސްނުމަކަށް މިވަނީ އަޅުގަނޑުމެންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނޭ ގޮތެއް ހެދުން،" ކަމަށެވެ.
އެގޮތުން މިވަގުތު އެމްޕީއޭއޯގެ ކަސްޓޯޑިއަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް ކަމަށާއި އަދި އެމްޕީއޭއޯގެ ފައިސާއެއް އެއްވެސް ފަރާތަކަށް ދޫކުރެވޭނަމަ އެމުއާމަލާތެއް ހިންގާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށް އެމްޕީއޭއޯގެ ސީއީއޯ ވިދާޅުވި އެވެ.
"ފައިސާއެއް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ވަނީ ރަނގަޅަށްތޯ ނޫންތޯ މިހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓޯޑިއަންގެ ހިދުމަތްދޭ ބޭންކަކުން" އޭނާ ވިދާޅުވިއެވެ.
މިއަދުގެ ސެމިނާގައި ބީއެމްއެލްގެ ސީއީއޯ ޕީޓާ ހޯޓަން ވިދާޅުވީ އެމްޕީއޯގެ މިމަސައްކަތަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށްބޮޑު ފައިދާއެއް ހޯދައިދެވިދާނޭ މަސައްކަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި އޭގެ ސަބަބުން ގައުމުގެ ބޭންކިން ސެކްޓާއަށް ވެސް މަންފާތަކެއް ކުރާނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި އޭނާ ވަނީ އެކަންކަން ފާހަގަ ކުރައްވާފަ އެވެ.
"އެންމެ ފުރަތަމަ ގޮންޖެހުމަކީ ލީގަލް އެންޑް ރެގިއުލޭޓަރީ މަސައްކަތްތައް. މި މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެބަ ބޭނުންވޭ ހަރުދަނާ ގާނޫނަކާއި ގަވާއިދުތަކެއް އެކުލެވޭ އޮނިގަނޑެއް އެކުލަވާލަން،" ޕީޓާ ހޯޓޮން ފާހަގަ ކުރެއްވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެފަދަ ހިދުމަތެއް ރާއްޖޭގައި ފަށައިގަންނަ އިރު ރާއްޖެއަކީ ވެސް ދުނިޔެއަށް ހުޅުވިފައި އޮތް ގައުމެއް ކަމުގައި ވިސްނަން ޖެހޭނެ ކަމަށާއި އެހެން ކަމުން އެފަދަ އޮނިގަޑެއް ހަދާއިރު ރާއްޖެއާއި ބޭރުގެ ފަރާތްތައް ޝައުގުވެރި ކުރެވޭނޭ ފަދަ ގޮތަކަށް ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލުން މުހިއްމު ކަމަށެވެ.