21 Jan 2013, 12:29
އެމްޑީޕީ އިން މާލޭގެ ހުރިހާ ގެއަކަށް ވަދެ ރައްޔިތުންގެ ހާލު އޮޅުންފިލުވުމުގެ ގޮތުން "ވައުދާއި ހިނގުން" ނަމުގައި ޑޯޓްޑޯ ކެމްޕެއިންތަކެއް ފަށައިފި އެވެ.
މިއަދު ހެނދުނު ފެށި އެ ޑޯޓްޑޯ ކެމްޕެއިން ފައްޓާފައި ވަނީ މައްޗަންގޯޅީ ގެތަކުންނެވެ. އެ ކެމްޕެއިން ފައްޓަވައިދެއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ.
އެމްޑީޕީ އިން މިއަދު ބުނީ އެ ޑޯޓުޑޯ ކެމްޕެއިންގެ އެ ހަރަކާތުގައި ބައިވެރިވާ ޓީމުތަކުން ގޭގެއަށްގޮސް ރައްޔިތުންގެ ހާލުބަލައި ރައްޔިތުނަށް ދިމާވާ ދަތި ކަންތައްތައް ބަލައި އެމްޑީޕީގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯ ހަދާ އިރު އެކަންތައްތައް ބޭނުން ކުރާނެ ކަމަށެވެ.
"ޑޯޓުޑޯގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ ވައުދާއި ހިނގުމުގެ ކަންމަތީ ބައްދަލުވުން މިރޭ 9:00 ޖަހާއިރު މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅީގައި އޮންނާނެ" އެމްޑީޕީއިން ބުންޏެވެ.
އެމްޑީޕީއިން މާލެގައި ޑޯޓްޑޯ ކެމްޕެއިންތަކެއް މިއަދު ފަށާފައިވާ އިރު އެ ޕާޓި އިން ވަނީ ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ގޭތަކަށް ވެސް ގޮސް ކެމްޕެއިންތަކެއްކޮށްފަ އެވެ. އަދި އެ ޕާޓީ އިން މިހާރު ދަނީ މެދު ރާއްޖެތެރެ އަށް ވަައުދުގެ ދަތުރުތައް ކުރުމަށް ތައްޔާރުވަމުން ކަމަށް އެ ޕާޓީން ބުންޏެވެ.