21 Jan 2013, 11:14
ސްރީލަންކާ އާއި ރާއްޖޭގެ ޑިމޮކްރަސީ އަށް މައްސަލަތަކެއް ކުރިމަތިވެފައިވާތީ މަޝްވަރާ ކުރުމަށް އެމެރިކާގެ މަތީ ފެންވަރުގެ ތިން ބޭފުޅަކު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގައި ހުންނަ އެމެރިކަން އެމްބަސީ އިން ބުނެފި އެވެ.
އެމެރިކަން އެމްބަސީއާ ހަވާލާދީ ޒީ ނިއުސް އިން ހޮނިހިރު ދުވަހު ބުނެފައި ވަނީ، އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް މޫ އާއި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ވިކްރަމް ސިންހް އާއި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ޖޭން ޒިމާން ސްރީލަންކާ އާއި ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 26 އިން އަންނަ މަހުގެ 1ގެ ނިޔަލަށް ކަމަށެވެ.
އެ ތިން ބޭފުޅުން ސްރީލަންކާގެ ސީނިއާ އޮފިޝަލުންނާއި ޕާޓީތަކުގެ އިސްވެރިންގެ އިތުރުން ސިވިލް ސޮސައިޓީގެ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް އެބްސީ އިން ބުންޏެވެ.
އެ ބޭފުޅުން ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންނާއި ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ވާހަކަ ދައްކަވައި ގާނޫނަށް ބޯލެނބުމުގެ އާދަ ދެމެހެއްޓުމަށް ބާރުއަޅައި އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންތައްތަކަށް ސްޕޯޓް ދެއްވުމާ ބެހޭ ގޮތުންބ ވާހަކަ ދައްކަވާނެ ކަމަށް ވެސް އެމްބަސީއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
ތިރީސް އަހަރުގެ އަހުލީ ހަނގުރާމަ ނިމުމުގެ ފަހު ސްޓޭޖުގައި އިންސާނީ ހައްގުތަކަށް އަރައިގަތް ކަމަށް ތުހުމަތު ކުރާ ބައެއްގެ މައްސަލަ ނުބަލާ ކަމުގެ ތުހުމަތުތަކެއް ސްރީލަންކާ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ރާއްޖޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރީ "ބާރުގެ ބޭނުން" ކޮށްގެން ކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައި ކަމަށް ޒީ ނިއުސް އިން ބުންޏެވެ.