21 Jan 2013, 11:08
ފްރާންސްގެ ކްލަބެއްކަމަށްވާ ރެނޭގެ މިޑްފީލްޑަރު ޔަން އެމްވިޔާ އެ ކުލަބު ދޫކޮށް ދާން ތައްޔާރަށް ހުރިކަމަށް ރެނޭސްގެ ރައީސް ޕިއެރޭ ޑީރިއޯސި ބުނެފި އެވެ. ނަމަވެސް އެމްވިޔާ ދާނެ ވަކި ކްލަބެއް ޑީރޮސީ ހާމަކޮށްފައެއް ނުވެއެވެ.
ރޭ ފްރާންސް ލީގުގައި ބަސްޓިއާއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން ރެނޭ މޮޅުވި މެޗަކީ އެމްވިޔާ އެކްލަބަށް ކުޅުނު އެންމެ ފަހު މެޗުކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޑީރޮސީ ބުނެފައި ވެއެވެ.
ބަސްޓިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްވިޔާ ފެނިގެން ދިޔައީ ރެނޭއިން ދެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށެވެ.
އެމްވިޔާ ދާނެ ވަކި ކުލަބެއް ޑީރޮސީ ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނަމުން ދަނީ އޭނާ ގުޅޭނީ ޕްރެމިއާ ލީގުގެ ކްލަބެއް ކަމަށްވާ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) އާ ކަމަށެވެ.
ކިޔުޕީއާރުން އެމްވިޔާއަށް ދިހަ މިލިޔަން ޔޫރޯގެ އަގެއް ހުށަހަޅާފައި ވެއެވެ. "މިއީ ރެނޭއަށް އެމްވިޔާ ކުޅޭނެ އެންމެ ފަހު މެޗަށް ވުމަކީ ވަރަށް ގާތްކަމެއް." ޑީރޮސީ ބުންޏެވެ.
ފަހަކަށް އައިސް އެމްވިޔާގެ ފަރާތުން އަހްލާގީ ގިނަ މައްސަލަތަކެއް ވަނީ ފެނިފައެވެ. މިމައްސަލަތަކުގެ ސަބަބެއް ކަމުގައި ރިޕޯޓްތަކުން ހާމަކޮށްފައި ވަނީ ބޮޑެތި ކްލަބުތަކުން މިދިޔަ ސީޒަނުގައި އެމްވިޔާއަށް ހުށަހެޅި ހުށަހެޅުންތައް ކްލަބުން ގަބޫލު ނުކުރުން ކަމަށެވެ. އަހްލާގީ މައްސަލައެއްގެ އޮތުމުގެ ސަބަބުން އެމްވިޔާއަށް ޖޫން 2014އާ ހަމައަށް ފްރާންސް ގައުމީ ޓީމަކަށް ނުކުޅެވޭނެއެވެ.