ސަރުކާރުގެ ހުރިހާ ކަމެއް ބެލުމުގެ ބާރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ލިބުނު ނަމަވެސް ޓޫފޯވަން ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ބެލުމުގެ ބާރު އެ ކޮމެޓީ އަށް ލިބިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އަމިއްލަ ބްލޮގްގައި އޭނާ މިއަދު ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓޫފޯވަން ކޮމެޓީގެ މަސްއޫލިއްޔަަތުގެ ތެރޭގައި ހިމެނޭ އެއްވެސްކަމެއް ތަހުގީގުކޮށް ބެލުމުގެ ބާރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ލިބިގެން ނުވާ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށާއި އެހެންކަމުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ ފުލުހުންނާއި ސިފައިން ކުރި ކަމެއްގެ ސަބަބުން ކަމަށް ބުނާ ނަމަ އެކަމެއް ތަހުގީގު ކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ޓޫފޯވަން ކޮމެޓީ އަށް ކަމަށެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރަމުންގެންދާ މަސައްކަތްކާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަކީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެ ކޮމެޓީ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ކުރުމަށް އެ ކޮމެޓީއާ ހަވާލު ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ނުވާ އިރު މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން އެ ކޮމެޓީގެ މަސްއޫލިއްޔަތުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ހިނގަނީ ކަމާ ބެހޭ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކަންތައް ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން ސަރުކާރުން އަދާކުރަން ޖެހޭ މަސްއޫލިއްްޔަތު އަދާކުރަނީ ކިހާ މިންވަރަކަށްތޯ ބެލުމާއި ސަރުކާރުގެ ނިޒާމް އިސްލާހު ކުރުމުގައި ކުރަން ޖެހޭ ކަންތައްތައް ބަލައި އެކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދިނުމާއި ސަރުކާރުން އަމަލު ކުރާ އުސޫލުގައި އިސްލާހު ކުރަން ޖެހޭ ކަމެއް ހުރި ނަމަ އެކަންކަމާ ގުޅޭ ލަފާ ދިނުމަކީ ވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައިވާ އިރު ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ ނަމުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރާ މަސައްކަތްތަކަކީ އެ ކޮމެޓީ އަށް ލިބިގެންވާ ބާރެއްގެ ދަށުން ކުރާ މަސައްކަތެއް ނޫން ކަމަށް ބުނެ ސަރުކާރުން އިއްޔެ ވަނީ އެ ކޮމެޓީ އަށް ހާޒިރު ނުވާން ނިންމައިފަ އެވެ.