ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް)ގެ ގުދަނެއްގައި "ޓޮކްސިކް ކެމިކަލް"އެއް ރައްކާކޮށްފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައިވާ މައްސަލަ ފުލުހުން ތަހުގީގު ނުކޮށް އޮތް ސަބަބު ބެލުމަށް ފުލުހުންނަށް އޭނާ ހުށަހަޅުއްވައިފި އެވެ.

ކޯނީ ރިޕޯޓް ދިރާސާ ކުރާ ކޮމެޓީ އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ހަމީދު ވިދާޅުވެފައި ވަނީ 2011 ވަނަ އަހަރު ރެޑްވޭވް ސަލީމްގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއްގައި "ޓޮކްސިކް ކެމިކަލް"އެއް ބޭނުންކޮށްގެން "ޕްލޮޓެއް" ރާވަން އުޅުނު ކަމަށް ބުނި ނަމަވެސް އެކަމުގައި ހަގީގަތް އެކުލެވޭ ވަރު ނޭނގޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އެމްސީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް މިއަދު ވިދާޅުވީ ގައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމުގައި ޝާމިލުވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތެއް ކުރާ އިރު، އެފަދަ ބޮޑު މައްސަލައެއް ނުބަލައި އޮތް ތުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ ކަމެއް އެނގި ހުރެ، ތަހުގީގު ނުކޮށް އޮތް މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑަކާ އެއްވެސް ސުވާލެއް ވެސް، އެއްވެސް ކަހަލަ އިޝާރާތެއް ވެސް އަދި އަޅުގަނޑުމެންގެ ގުދަނަކަށް ވެސް އެއްވެސް ތަނަކަށް އައިސް ފުލުހަކު ވެސް އެއްވެސް ތަނެއް ޗެކުކޮށްފައެއް ނެތް. އެފަދަ ބޮޑު ތުހުމަތެއް އަޅުގަނޑުގެ މައްޗަށްކޮށް، އެކަން ނުބަލައި އޮތުމުގެ ސަބަބަކީ ކޮބައިތޯ،" ސަލީމް ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، ޕްލޮޓެއް ރޭވި ކަމަށް އެމްސީ ހަމީދު ވިދާޅުވެފައި ވަނީ ވަކި މަގުސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ 2011 އަހަރަކީ މަޖިލިސްގެ ގިނަ މެންބަރުންތަކެއްގެ ސިޔާސީ ގޮތުން "ދުވަސްދުއްވާލަން،" އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއް ކަމަށާއި އެފަދަ މަޅިއެއްގައި އޭނާ ވެސް 'ބަނދެލަން' އުޅުނު ކަމަށެވެ.

"އަޅުގަނޑުގެ ގުދަންތަކުގައި އެންމެ ގިނައިން މަސައްކަތް ކުރާނީ އެމްޑީޕީއަށް ތާއިދު ކުރާ މީހުން. އެ މީހުންނަށް ތިޔަ ކަހަލަ އެއްޗެއް ފެނިއްޖިއްޔާ ފެންނާނީ ވެސް. ދެން ވެދާނެ އެމްސީ ހަމީދުއާ ގުޅިގެން ތިބުނާ ވިހަ އެއްޗެއް އަޅުގަނޑުގެ ގުދަނަކަށް ލައިގެން، އަޅުގަނޑުގެ ދުވަސް ދުއްވާލަން އުޅުނީ ކަމަށް. އެ ދުވަސްވަރަކީ މަޖިލިސް މެންބަރުން ދުއްވާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ދުވަސްވަރެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު އަވަހާރަކޮށްލުމަށް އޭނާ އުޅުއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އޭނާ އަށް ލިބިވަޑައިގަތް ގެއްލުމުގެ ބަދަލު ތިން ފަރާތެއްގެ ކިބައިން ނަގައިދިނުމަށް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ. އެ ގޮތުން އެ ވާހަކަ ދެއްކި އެމްސީ ހަމީދާއި، ހަމީދުގެ ވާހަކަތައް އާންމު ކުރި އެމްޑީޕީ އާއި އަދި އާންމުނާ ހިސާބަކަށް އެކި ގޮތްގޮތަށް އެ ވާހަކަ ގެނެސްދިން ރާއްޖެ ޓީވީގެ މައްޗަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ބަދަލުގެ ގޮތުގައި ނަގައިދޭނެ ފައިސާގެ އަދަދުތަކާ އެކު ދައުވާތައް ތައްޔާރު ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިއަދު ނޫސްބަޔާނެއް ވެސް ނެރުއްވާނެ ކަމަށެވެ.