ލޯނުގެ އެއްބަސްވުމުގެ ދަށުން އިނގިރޭސި ކްލަބު ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) ގެ ފަރަންސޭސި ފޯވާޑް ޖިބްރީލް ސީސޭ ގަތަރުގެ އަލް ގަރަފާއާ ގުޅިއްޖެ އެވެ.

މިސީޒަނުގައި ކިޔުޕީއާރުއަށް ސީސޭ ކުޅުނު 21 މެޗުގައި އޭނާ ވަނީ ހަތަރު ގޯލް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް މިމަހު މާސޭ އިން ކިޔުޕީއާރާއި ގުޅުނު ފަރަންސޭސި ފޯވާޑް ލޮއިކް ރެމީގެ ސަބަބުން އެކުލަބުގެ އާ ކޯޗު ހެރީ ރެޑްނެޕްއަށް ސީސޭގެ ބޭނުން ކެނޑިފައިވާ ކަމަށް ހަބަރު ލިބެއެވެ.

އަލް ގަރަފާގެ ކޯޗު އަލައިން ޕެރިންއަށް ސީސޭ އަކީ އާ ކުޅުންތެރިއެއް ނޫނެވެ. އިނގިރޭސި ކްލަބު ޕޯޓްސްމަތަށް ސީސޭ ކުޅުނު އިރު އެކުލަބުގެ ކޯޗެއްގެ ގޮތުގައި ހުރީ ޕެރިން އެވެ. އަލް ގަރަފާއިން ވަނީ ޕްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ފޯވާޑް ނެނޭގެ ސޮއި ވެސް އެ ކުލަބަށް ހޯދާފަ އެވެ.

ކިޔުޕީއާރްއާ ސީސޭ ގުޅުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 31 ގައެވެ. މިދިޔަ ސީޒަންގެ ފަހު ހާފްގައި ސީސޭ ވަނީ ކިޔުޕީއާރަށް ހަ ގޯލް ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގެ ޕްރެމިއާ ލީގުގެ އެންމެ ފަހު ދުވަހުގެ މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި ސީސޭ ކާމިޔާބުކުރި ލަނޑު ހިމެނެ އެވެ.

ސީސޭގެ ފުޓްބޯޅަ ކެރިޔަރުގައި އޭނާއަށް އެންމެ ކާމިޔާބު ލިބުނީ ލިވަޕޫލްއިންނެވެ. ލިވަޕޫލްއާ އެކު ސީސޭ ވަނީ އެފްއޭ ކަޕަކާއި ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބު ކޮށްފައެވެ.