21 Jan 2013, 10:47
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ހަމަޖެއްސި ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ މިމަހުގެ 31 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީގެ ހެޑް ކޯޗްކަމާ ގޮފާ ހަވާލުވެފައިވާއިރު، މީގެ ކުރިން އޭނަ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ހުއްރިޔާއަށް ކޯޗް ކަން ކޮށްދީފައެވެ.
ވިކްޓަރީން އެކުލަބުގެ ޖެނަރަލް މެނޭޖަރަކަށް އަލަށް ހަމަޖެއްސި އެ ޓީމާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) ވިދާޅުވީ، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ އާ ކޯޗް ގޮފާ މާލެ އައުމުން ކަމަށާއި އެގޮތުން މިފަހަރުގެ ސީޒަނަށް ވިކްޓަރީ ނިކުންނާނީ ޒުވާން ސްކޮޑަކާއެކު ކަމަށެވެ.
މުޅިން އަލަށް ވިކްޓަރީން ބޭރުގެ ކޯޗެއް މިއަހަރުގެ ސީޒަނަށް ހޯދިއިރު، މިދިޔަ އަހަރު އެޓީމަށް ކުޅުނު 18 ކުޅުންތެރިއަކު ވަނީ ކުލަބް ދޫކޮށް، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެހެން ކުލަބުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަހުމަދު ޝާފިއު އާއި މުހައްމަދު އުމެއިރު އާއި އަކްރަމް އަބްދުލް ގަނީ އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ސަން އޮންލައިނަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރަތް ޓީމުން ބިދޭސީ ކޯޗަކު ގެންނަން ބޭނުން ވަނީ އެ ޓީމުގެ ކޯޗު ކަމުގައި ފާއިތުވެދިޔަ ފަސް އަހަރު ހޭދަކުރި އަލީ ސުޒޭނަށް ވުރެ މޮޅު ދިވެހި އެހެން ކޯޗަކު ހޯދުމަކީ ދަތިކަމަކަށްވާތީ ކަމަށެވެ.
މިދިޔަ އަހަރު އެއްވެސް ކާމިޔާބެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ވިކްޓަރީގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާދިނީ ވިކްޓަރީގެ ހިންގާ ބޯޑާ، އަދި ހާއްސަކޮށް ކުރީގެ ޗެއާމަން އީވާ އަބުދުﷲއާ މައްސަލަ ޖެހިގެންނެވެ. އީވާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.