21 Jan 2013, 10:43
އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީގެ އިނގިރޭސި ޑިފެންޑަރު އޭޝްލީ ކޯލްގެ ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ކަމަށް އެކުލަބުގެ ވަގުތީ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ކޯލް އެހެން ކްލަބަކާއި ގުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތަކުން ބުނަމުން ދެ އެވެ.
ކޯލްއާ އެކު ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ވެސް އެ ކުލަބު ދޫކޮށް ދާން އުޅޭކަމުގެ ހަބަރުތަކެއް ވެސް ދާދި ފަހުން ފެތުރިފައިވެ އެވެ.
ޗެލްސީ އާއެކު ލަމްޕާޑް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަން ނިމުމުން ހަމަވާނެ އެވެ.
"މިހާރު ކްލަބުން ކޯލް އާއެކު އެއްބަސްވުމަކާއި ހަމައަށް ވަނީ އާދެވިފައި. ކޯލް ބެހެއްޓުމަށް އަހަރެމެން އެދެނީ. ކޯލް އާއެކު އެއްބަސްވުމަކަށް އޭދެވިއްޖެ. ނުނިމި އޮތް ހަމައެކަނި ކަމަކީ ލިޔެ ކިޔުންތައް." އާސެނަލް އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޗެލްސީ ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބެނިޓޭޒް ބުންޏެވެ.
އާސެނަލްގައި ވިދާލުމަށްފަހު، ލެފްޓް ބެކަށް ކުޅެމުންދާ ކޯލް ޗެލްސީ އާއި ގުޅުނީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީ އަށް 284 މެޗު ކުޅެފަ އެވެ.
އޭޝްލީ ކޯލް އަކީ އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.