21 Jan 2013, 10:41
ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބަޔާން މިއުނިކާއި ގުޅުމުން ހައިރާންވާ ކަމުގައި އެކުލަބުގެ ނެދަލޭންޑްސް ތަރި އާރްޔެން ރޮބެން ބުނެފި އެވެ.
ބަޔާން އާއި ގާޑިއޯލާ ގުޅުނުކަން އެކުލަބުން އިއުލާން ކުރީ މިދިޔަ ހަފްތާގެ ކުރީކޮޅުގަ އެވެ.
ބަޔާންގެ މިހާރުގެ ކޯޗު ޔުޕް ހެއިންކެސްގެ ބަދަލުގައި އަންނަ ސީޒަނު ފެށޭއިރަށް އެކުލަބުގެ ކޯޗުކަމުގައި ގާޑިއޯލާ ފެނިގެންދާނެ އެވެ. ކުރިން ރިޕޯޓްތަކުން ބުނަމުންދިޔައީ ގާޑިއޯލާ ފެނުން ގާތީ ޕްރެމިއާ ލީގު ނުވަތަ އިޓާލިއަން ސެރީއާއިން ކަމަށެވެ.
"ބަޔާންގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވުމުން އަހަރެން މިހިރީ ވަރަށް ހައިރާން ވެފައި. ބޮޑަށް ހައިރާންވަނީ މިކަން އެހާ އަވަހަށް ވީމަ. ގާޑިއޯލާ ސޮއިކުރުމުގެ އެއް ދުވަސް ކުރިން އަހަރެންނަށް ހަބަރުތަކުން ފެނުނީ އޭނާ ޕްރެމިއާ ލީގުގެ ކްލަބަކަށް ކޯޗުކަން ކޮށްދިނުމަށް ބަލަމުންދާ ކަމަށް. އެއް ދުވަސް ފަހުން އިވިގެންދިޔައީ ބަޔާން އާއި ގާޑިއޯލާ ގުޅުނުކަން. މިއީ ހައިރާންކުރުވި ކަމެއް ނަމަވެސް ރަނގަޅު ކަމެއް." ރޮބެން ބުންޏެވެ.
ޖަރުމަން ލީގުގެ އެއްވަނާގައި ބަޔާން މިވަގުތު އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގަ އެވެ. ނަމަވެސް ގާޑިއޯލާގެ ހަބަރާއެކު ހާސް ނުވުމަށް ބަޔާންގެ ޑިފެންޑަރު ވެން ބުއިޓެން ބަޔާންގެ ކުޅުންތެރިންނަށް ވަނީ ގޮވާލައިފަ އެވެ.
"އަހަރެމެން ފަހުރުވެރިވަން. އެއީ ގަޑިއޯލާ އަކީ އެންމެ މޮޅެތި ކޯޗުންތަކުގެ ތެރޭގައި ހިމެނޭ ކޯޗެއް. އެއީ ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމުގައި ވެސް ބެލެވިދާނެ. އަދި ގާޑިއޯލާ ހިޔާރުކުރީ އެންމެ މޮޅު ކްލަބު. ނަމަވެސް މިކަމަކީ ކުރިމަގު. އަހަރެމެން މިވަގުތު ވިސްނަންޖެހޭނީ ސީޒަންގެ ފަހު ހާފްގައި ކާމިޔާބު ހޯދަން. އަހަރެމެންގެ ކުރިމަގާއި މެދު ވިސްނާނީ ފަހުން." ބުއިޓެން ބުންޏެވެ.
ބާސެލޯނާގެ ކޯޗުކަމާއި 2008 ވަނަ އަހަރު ހަވާލުވެ ގާޑިއޯލާ ވަނީ އެކުލަބަށް ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީ، ތިން ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްދީ އަދި ސްޕެނިޝް ކަޕް ދެ ފަހަރު ހޯދައިދީފަ އެވެ. އޭގެ އިތުރުން ގާޑިއޯލާ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ދެ ފަހަރު އެކުލަބަށް ކާމިޔާބު ކޮށްދީފައި ވެއެވެ.