21 Jan 2013, 10:40
ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި އިއްޔެ ހަވީރު ނިއުރެޑިއަންޓް އަތުން 2-0 ލަނޑުން ވިކްޓަރީ މޮޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ވިކްޓަރީން ނެގީ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި އަލީ ބާސިލްއެވެ. އަދި މެޗުގައި ވިކްޓަރީއަށް ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ހުމާމެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ވެލެންސިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބެވެ. މިއަދުގެ މެޗަށް ނިކުނައިރު ބީޖީ ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ނިއުއަތުން 2-1 ލަނޑުން ބަލިވެފައެވެ. އެހެން ނަމަވެސް ވެލެންސިޔާ ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތން 3-1 ލަނޑުން މޮޅުވެފަ އެވެ.
ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.