21 Jan 2013, 09:25
ޤާހިރާ (ޖަނަވަރީ 21) : މިސްރަށާއި ފަލަސްތީނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ދާދި ދެންމެއަކު ޤާހިރާއަށް ވަޑައިގެންފި އެވެ.
ތިން ދުވަހުގެ މިދަތުރުފުޅުގައި ނަޖީބު ރައްޒާޤުގެ އަރިހުގައި މެލޭޝިޔާ ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނާއި ނޫސްވެރިން ހިމެނޭ ބޮޑު ވަފްދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ރައްޒާޤުގެ އަރިހުގައި މިސްރަށް ވަޑައިގެންނެވި މަސްއޫލުވެރިންގެ ތެރޭގައި މެލޭޝިޔާގެ ޚާރިޖީ ވަޒީރާއި އަވްޤާފާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ އިތުރުން އިޤްތިސާދާއި ވިޔަފާރިއާ ބެހޭ ވަޒީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިސްރުގެ ޚާރިޖިއްޔާ ޚަބަރު ދޭގޮތުގައި މެލޭޝިޔާގެ ބޮޑުވަޒީރާއި މިސްރުގެ ރައީސް މުހައްމަދު މުރުސީ މިއަދު ރަސްމީކޮށް ބައްދަލުކުރައްވާނެ އެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ މިސްރުގައި މެލޭޝިޔާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ދެމެދުގައި ހިނގާ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް އަދި ފުޅާކުރުމާބެހޭ ގޮތުން ކަމަށް މިސްރުގެ ޚާރިޖިއްޔާ އިން ބުނެ އެވެ. މިގެއިތުރުން އަންނަ ފެބްރުއަރީ 6 އަދި 7ގައި ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުމާ ބެހޭ ގޮތުންނާއި ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ.
މިދަތުރުފުޅަށް މެލޭޝިޔާގެ ބޮޑުވަޒީރު ފަލަސްތީނުގެ ޣައްޒާއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. (އަލްޖަޒީރާ)