ވޮޝިންޓަން (ޖަނަވަރީ 21): އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އޭނާގެ ނައިބު ޖޯޒެފް ބައިޑެން ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވައިފި އެވެ.

މި ދެ ރަސްމިއްޔާތު ވެސް ބާއްވާފައި ވަނީ ވަކިވަކިން ވަރަށް އާދައިގެ ގޮތެއްގަ އެވެ. އޮބާމާ ރައީސް ކަމުގެ ޤާނޫނީ ހުވާކުރެއްވީ ވައިޓް ހައުސްގައި އިއްޔެ މެންދުރު ކުރީ ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އޮބާމާގެ ޢާއިލާގެ ބޭފުޅުންގެ އިތުރުން ވައިޓް ހައުސްގެ މުވައްޒަފުންނާއި ބައެއް ނޫސްވެރިންނެވެ. އޮބާމާގެ ނައިބު (އެމެރިކާގެ ނައިބު ރައީސް) ޖޯޒެފް ބައިޑެން، ރިޔާސީ ދެވަނަ ދައުރަކަށް ނައިބު ރައީސް ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ އޮބާމާއަށް ވުރެ ކުޑަތަންކޮޅެއް ކުރިންނެވެ. އުމުރުން 74 އަހަރުގެ ބައިޑެން މަޤާމުގެ ޤާނޫނީ ހުވާކުރެއްވީ އޭނާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވީ ބައިޑެންގެ އަނބިކަނބަލުންނާއި ޢާއިލާގެ މެންބަރުންގެ އިތުރުން އޭނާގެ އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ނޫސްވެރިންނެވެ.

އެމެރިކާގެ ދަސްތޫރު ބުނާގޮތުން ކުރިޔަށްއޮންނަ ރިޔާސީ ދައުރަށް ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅުން 20 ޖަނަވަރީގެ މެންދުރު ކުރިން މަޤާމުގެ ޤާނޫނީ ހުވާ ކުރަންޖެހޭނެ އެވެ. އިއްޔެއަކީ އެމެރިކާގައި ރަސްމީ ބަންދު ދުވަހެއް ކަމުން އެމެރިކާގެ އިސްވެރިންނާއި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވާ ގޮތަށް އޮބާމާ އާއި ބައިޑެން ރިޔާސީ ދެ ވަނަ ދައުރަކަށް ޤާނޫނީ ހުވާކުރެއްވުމުގެ ބޮޑު ރަސްމިއްޔާތު ވަނީ މިއަދަށް ފަސްކުރެވިފަ އެވެ. އިއްޔެ މެންދުރުކުރީގެ ވަގުތެއްގައި އޮބާމާއާއި ބައިޑެން މަޤާމުގެ ހުވާކުރެއްވީ އެމެރިކާގެ ދަސްތޫރުގައި ބުނާ ވަގުތު ފާއިތުވުމުގެ ކުރިން އެކަން ކުރައްވަން ވެގެންނެވެ.

ނަމަވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވެސް އަލުން ހުވާ ތަކުރާރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އޮބާމާ އާއި އޭނާގެ ނައިބު ރިޔާސީ ދެ ވަނަ ދައުރަކަށް މަޤާމުގެ ޤާނޫނީ ހުވާކުރެއްވުމުގެ ބޮޑު ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެޕިޓޯލް ޢިމާރާތުގެ ކުރިމަތީގަ އެވެ. އެ ރަސްމިއްޔާތުގައި އެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި އޮބާމާ ވާހަކަ ދައްކަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. (ބީ.ބީ.ސީ)