03 Oct 2010, 08:37
ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ބިން ހެލުމެއްގެ އަސަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރިލޮޖީން ބުނެފި އެވެ.
ށ. އަތޮޅު އަތޮޅު ކައުންސިލަރު އަބްދުލް ހަންނާނު މެންދުރު ވިދާޅުވީ އެ އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު 12:30ގައި ގުޑުމެއް އެރި ކަމަށާއި އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް މިހާރު ދީފައިވާނެ ކަމަށެވެ.
ހަންނާނު ވިދާޅުވީ މެންދުރު ވަގުތު ބޮޑު ލޮޅުމެއް އަތޮޅުގެ ބައެއް ރަށްރަށަށް އެރިކަމަށާއި ލޮޅުން އެރި ރަށްތަކުގެ ތެރޭގައި، އެއަތޮޅު ފީވަކާއި ފޯކައިދޫ އާއި މިލަންދޫ ހިމެނޭކަމަށެވެ. މި ހާދިސާގައި އެއްވެސް އެއްވެސް ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ރަށްރަށުން މައުލޫމާތު އޮޅުން ފިލުވުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ހަންނާނު ވިދާޅުވި އެވެ.
ފީވަކުން ވާހަކަ ދެއްކި މީހަކު ބުނީ މެންދުރު ވަގުތު މަގުމަތީގައި ހިނގަމުންދަނިކޮށް ރަށް ގުޑާފައިވާ ކަމަށާއި އެ އިހުސާސް ދެފަހަރެއްގެ މަތިން ކުރެވުނު ކަމަށެވެ.
ފޯކައިދޫންނާއި ބައެއް އެހެން ރަށްރަށުގެ މީހުން ވެސް ބުނީ ދެފަހަރެއްގެ މަތިން ބިން ހެލިފައިވާ ކަމަށާއި ފުރަތަމަ ފަހަރު ވަރަށް ބާރަށް ލޮޅުން އަރައިގެންދިޔަ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން، އެސިސްޓެންޓް ޖިއޮލޮޖިކަލް އޮބްޒާވާ ތަމީމު އަބުދުއްރައްޒާގު ވިދާޅުވީ، ށ. އަތޮޅުގެ ބައެއް ރަށްރަށަށް ބިން ހެލުމެއް އައިކަމުގެ މައުލޫމާތުތަކެއް މިއަދު 1:00 ޖަހާ އެހާކަންހާއިރު ލިބިފައިވާކަމަށާއި ނަމަވެސް އެފަދަ ބިންހެލުމެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އައިކަމަށް އެފަރާތުގެ އެއްވެސް ސްޓޭޝަނަކުން ދައްކާފައިނުވާ ކަމަށެވެ. އެކަމާބެހޭ މައުލޫމާތު އޮޅުން ފިލުވައި ސާފު ކުރަމުން އަންނަ ކަމަށް ވެސް ތަމީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، ރާއްޖެއަށް ބިން ހެލުމެއް އައިކަމަށް ނުދެއްކި ނަމަވެސް މިއަދު 11:30ގައި ރިކްޓާ މިންގަންޑުން 4.9ގެ ބާރު މިނުގައި އިންޑިނޭޝިޔާގެ އިރުމަތީ ސަރަހައްދަށް ބިންހެލުމެއް އައިކަމަށެވެ.