20 Jan 2013, 23:57
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ބޭނުންނަމަ ގިނަ އެއާލައިންތަކަކަށް ރާއްޖެ އައުމުގެ ފުރުސަތު ދިނުން މުހިންމު ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ފްލައިދުބާއީގެ ދަތުރުތައް ރާއްޖެއަށް ފެށުން ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލެއަތޮޅުގެ ރިސޯޓެއްކަމަށްވާ ޖުމެއިރާ ވިއްޓަވެލީގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންނަމަ ރަނގަޅު އެއާ ކަނެކްޓިވިޓީއެއް ބޭނުންވާ ކަމަށެވެ.
"އެއާކަނެކްޓިވިޓީ އިތުރުކުރުމުން އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކޮށް ޓޫރިސްޓުން އެޓްރެކްޓިވް ކުރުމަށާއި މާކެޓް ކުރުމަށް ކުރަމުން މިގެންދާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދޭ،" އަދީބު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވީ ފްލައިދުބާއީގެ ރެގިއުލާ ދަތުރުތައް ފެށުމުން ދުނިޔޭގެ އިތުރު މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށާއި އަދި އަޅުގަނޑުމެންގެ ދިވެހިންނަށް ކުޑަ އަގެއްގައި ދުބާއީއަށް ދަތުރު ކުރުމުގެ ދޮރު ވެސް ހުޅުވިގެން ދިއުމުގެ އިތުރުން އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވޭނޭކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"ފުލައި ދުބާއީގެ ދަތުރުތައް ފެށުމުން އަޅުގަނޑުމެންގެ މި ރީތި ގައުމު އިތުރު ފަތުރުވެރިންތަކަށް ހުޅުވިގެން ހިނގައްޖެ. އަދި ހަމަ އެއާއެކު އަޅުގަނޑުމެންގެ ދިވެހިންނަށް ކުޑަ އަގެއްގައި ދުބާއީއަށް ދަތުރު ކުރުމުގެ ދޮރުވެސް ހުޅުވިގެން ހިނގައްޖެ،" އަދީބު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި މިވަގުތު 106 ރިސޯޓް އެބައޮތް ކަމަށާއި އަދި އެތަންތަން ބޭރުދުނިޔޭގައި މާކެޓްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށެވެ. އެގޮތުން ރޯޑްޝޯ، ފޭމްޓްރިޕްސް، ގްލޯބަލް އެޑްވަޓައިޒިން ކެމްޕެއިން އަދި އެގްޒިބިޝަންސް ތަކުގައި ބައިވެރިވެފައިވާ ފާހަގަ ކުރެއްވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ހުސްވި އަހަރު މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 21843 އަރާކަމަށާއި އަދި އެ އަދަދަކީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 49.9 އިންސައްތަ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މެދުއިރުމައްޗަށް ހާއްސަކޮށްގެން އަޅުގަނޑުމެން ވާނީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ދުބާއީގައި ބޭއްވުނު އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައި ބައިވެރި ވެފައި. އެގޮތުން މެދުއިރުމަތީގައި ރާއްޖެއަކީ ފާހަގަ ކޮށްލެވޭ މަންޒިލަކަށް ވަނީ ވެފައި،" ޓޫރިޒަމް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު އަދީބު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް ހުރިހާ އެއާލައިންތަކަކަށް ވެސް ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަށް ގަވައިދުން ދަތުރު ކުރަން ބޭނުންވާ އެއާލައިންތަކަށް އަބަދުވެސް އެފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށާއި އަދި އެކަމަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފްލައި ދުބާއީގެ މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ފްލައި ދުބާއީގެ ސީއީއޯ ގައިސް އަލް ގައިސް ވިދާޅުވީ 2013 ވަނަ އަހަރު ފްލައިދުބާއީގެ ދަތުރުތައް ފެށި ފުރަތަމަ އާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށާއި ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފެށުމަކީ އެ އެއާލައިނުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.
އަދި އެ އެއާލައިންގެ އެންމެ ބޮޑު މަގުސަދަކީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމާއި އެ އެއާލައިންގެ ކަސްޓަމަރުންނަށް ކުޑައަގެއްގައި ރާއްޖެފަދަ ރީތި މަންޒިލަކަށް އައުމުގެ ފުރުސަތު ހުޅުވައިލުން ކަމަށް ވެސް އަލް ގައިސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ފުރުސަތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ޔަގީންކޮށް އަރުވަން، އަޅުގަނޑުމެންނަށް ތިޔަކުރެއްވި އިތުބާރު ގެއްލިގެން ދިޔަކަ ނުދޭނެކަން. ވިޔަފާރިއަކީ ދެފަރާތަށް ވެސް ފައިދާވާ ގޮތަށް ކުރެވޭ މުއާމަލާތެއް. އެހެންކަމުން އަޅުގަނޑުމެންނަށް ދެވުނު އެންމެ ބޮޑު އެއްބާރުލުމެއް ދޭނަން މިރީތި މަންޒިލަށް ގިނަ ޓޫރިސްޓުންތަކެއް ގެނެސްދިނުމަށް،" ގައިސް އިތުރަށް ވިދާޅުވިއެވެ.
ފްލައިދުބާއީގެ ފަރާތުން ބޭއްވި އެރަސްމިއްޔާތުގައި އެ އެއާލައިންއާ އެކިގޮތްގޮތުން ގުޅިފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރީޖަނަލް ޑައިރެކްޓަރ އޮފް ޕެސެންޖަރ ސެޓިސްފެކްޝަން އެޓް ބޮއިން ކެން ކުރޭވާ އާއި ޖުމެއިރާ ގްރޫޕް ސީއެފްއޯ އެޑްރިއެން ބްރެޑްލީ އާއި އަދި ޕްރެޒިޑެންޓް އޮފް ޑީޓީއައި ޕެޓްރިކް ޕްރެފައުންޓައިން ބައިވެރިވެ ވަޑައިގަތެވެ. އަދި ޔޫރަޕާއި މެދުއިރުމަތީގެ ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ބައިވެރިވި އެވެ.