20 Jan 2013, 21:11
ޅ. ކަނުހުރާ ރިސޯޓްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ގެސްޓް ދެ ކޮޓަރިއެއް އަނދައި ހުލިވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ކަނުހުރާ ރިސޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި ބީޗްވިލާ ދެ ރޫމް އަނދައި ހުލިވެފައިވާ ކަމަށެވެ. އަދި އެ ވަގުތު އެ ދެ ރޫމްގައި ބަޔަކު ނޫޅޭ ކަމަށާއި އެމްއެންޑީއެފްގެ އެހީއާ އެކު މިހާރު އަލިފާން ނިއްވާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި އެއްވެސް ވަރަކަށް ނޭނގޭ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް. އެ ދެ ރޫމަކީ ހުސް ދެ ރޫމް، ދެން މިހާރު އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން." އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ ކަނުހުރާ ރިސޯޓުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށާއި އެމްއެންޑީއެފުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ފަރާތުން އަދި މިހާތަނަށް ވަނީ ތަފްސީލެއް ލިބޭގޮތް ނުވެފަ އެވެ.