ގ. ވޭރު އަބްދުލްމުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ ޝަރީއަތަށް ފޯން ކޯލް ރިކޯޑިންގެ އެނަލިސިސް ރިޕޯޓް ހުށަހަޅާން ޖުވެނައިލް ކޯޓުން ދައުލަތަށް ފުރުސަތު ދީފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ފޯންކޯލް ރިކޯޑިން މެލޭޝިޔާއަށް ފޮނުވައިގެން ހަދާފައިވާ އެނަލިސިސް ރިޕޯޓްގެ ދިވެހި ތަރުޖަމާ އަންނަ އާދީއްތަ ދުވަހު ކޯޓަށް ހުށަހަޅާން ދައުލަތަށް ފުރުސަތު ދީފައި ވަނީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އަދި ކުރިން ހުށަނާޅާ ހެކިތަކެއް ޝަރީއަތަށް ހުށަހެޅުމަށް ދައުލަތުން މިއަދު އެދުނު ކަމަށާއި ނަމަވެސް އެއީ މައްސަލައާ ސީދާ ގުޅުން ހުރި ހެކިތަކަކަށް ނުވާތީ އެ ފުރުސަތު ދައުލަތަށް ނުދޭން ޝަރީއަތުން ނިންމާފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި އެދުވަހު އޮންނާނީ ފޯންކޯލް ރިކޯޑިންގެ އެނަލިސިސް ރިޕޯޓާ ގުޅޭގޮތުން ވާހަކަދެއްކުން ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުން ބުނީ މުހީތުގެ 26 ވާރިސުންގެ ބަޔާން އެ ކޯޓުން ނެގި އިރު، އެ އެންމެން ވެސް ބުނެފައި ވަނީ އެ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ހިފާން ކަމަށެވެ. އަދި ހާދިސާ ހިނގި އިރު އެތިން ކުދިންގެ އުމުރަކީ 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވައި އެހެން އެންމެނަށް ވެސް މިހާރު 18 އަހަރު ފުރިފައިވާ ކަމަށެވެ.

މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ، އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19،ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، މުހައްމަދު މައިމޫން، 19، އެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ޝަރީއަތަށް މިހާރު ވަނީ ނަގާފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުން ބާއްވާފައެއް ނުވެއެވެ.