20 Jan 2013, 20:50
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖަހައި އަންދައިލުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް ފުލުހުންގެ ކަސްޓޯޑިއަލަކަށް ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިރޭ ވިދާޅުވީ މަރާމާތު ކުރުމަށް ފަހު އެތަން ބޭނުން ކުރަން ފަށާފައި ވަނީ މީގެ 10 ދުވަސް ކުރިން ކަމަށާއި އެތަން ބޭނުން ކުރަނީ ހައްޔަރުކުރާ މީހުން ބައިތިއްބާ ކަސްޓޯޑިއަލް އެއްގެ ގޮތުގައި ކަމަށެެވެ. އަދި އެތަނުގައި 40 މީހުން ބޭތިއްބޭ ވަރުގެ ޖާގަ ހުރި ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ސްޓޭޝަން ކަސްޓޯޑިއަލް އެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް ހިތަދޫ ޕޮލިސް ސްޓޭޝަން މިހާރު ހިންގަމުން ދަނީ ކުރީގެ އަތޮޅު ގޭގަ އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެ ރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ބަޔަކު އެއްވެ އެތަނަށް ގެއްލުން ދިނުމަށް ގޮވާލައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި އައްޑޫގެ ބައެއް މީހުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އައްޑޫގައި ހުންނަ ދައުލަތުގެ އެކި އިމާރާތްތަކުގައި ހުޅު ރޯކޮށްލުމުން އެތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.