ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސަކަށް ހޮވިވަޑައިގަތް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ކެމްޕޭން ޖަލްސާއެއް ހުށަހަޅައިދިނުމާ ގުޅިގެން މޯލްޑިވްސް ނެޝެނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޕްރެޒެންޓަރު އައިމިނަތު ނަމްޒާ ޕްރޮގްރާމްތަކުން ސަސްޕެންޑްކޮށްފި އެވެ.

އެމްބީސީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނަމްޒާ މިވަގުތު ހުރީ ވަގުތީ ގޮތުން ޕްރޮގްރާމްތަކުން އެކަހެރިކޮށްފައި ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހަކަށް ކަމެއް މޮންދު ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ބޯޑުން އެކަން ނިންމާނީ. މިވަގުތު ޕްރޮގްރާމްތަކަށް ނާރުވަން އަންގާފައި ވާނީ،" މޮންދު ވިދާޅުވި އެވެ.

މޮންދު ވިދާޅުވީ އެމްބީސީގައި މަސައްކަތް ކުރާ ޕްރެޒެންޓަރުން އަމަލު ކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށާއި ސިޔާސީ ހަރާކަތްތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ބުނެފައިވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމްބީސީ ފިޔަވައި އިތުރު ތަނެއްގައި ޝޯއެއް ހުށަހަޅައިދޭ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެފައި އޮންނަ އިރު ސިޔާސީ ޕާޓީއެއްގެ ޖަލްސާ ނަމްޒާ ހުށަހަޅައިދީފައި ވަނީ ހުއްދައެއް ހޯދުމަކާ ނުލައި ކަމަށެވެ.

އެމްބީސީގައި ކާމިޔާބު ޝޯތަކެއް ހުށަހަޅައިދީފައިވާ ނަމްޒާ ބުނީ އޭނާ އެމްބީސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބުނެފައި ވަނީ އެމްބީސީ ނޫން އެހެން ޗެނަލެއެއްގެ ޝޯއެއް ނުވަތަ ޕްރޮގްރާމެއް ހުށަހަޅައިދޭ ކަމަށް ވަންޏާ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް އެތައް ބައިވަރު އިވެންޓްތަކެއް ހުށަހަޅައިދީފައިވާ ޕްރެޒެންޓަރު ބުނީ އޭނާ އަދީބުގެ ކެމްޕޭން ޖަލްސާ ހުށަހަޅައި ދިނީ ސިޔާސީ ޕާޓީއަކަށް ތާއީދު ކުރާތީ ނޫން ކަމަށާއި އަދި އެއީ ސިޔާސީ ވަކި ފިކުރެއްގައި ކުރި ކަމެއް ވެސް ނޫން ކަމަށެވެ. ނަމްޒާ ބުނީ އޭނާ އެ ޖަލްސާ ހުށަހަޅައިދީފައި ވަނީ އޭނާ އެ ޖަލްސާ ހުށަހަޅައިދޭނެ ކަމަށް ބުނި އަގު އަދީބުގެ ކެމްޕެއިން ޖަލްސާ އިންތިޒާމް ކުރި ފަރާތްތަކުން ދޭނެ ކަމަށް އެއްބަސް ވުމުން ކަމަށެވެ.

"ތަނަކުން އެއްޗެއް ހުށަހަޅައިދީގެން އަޅުގަނޑު ސަސްޕެންޑް ކުރަންޏާ ކުރަންވިތާ ކިތަންމެ ދުވަހެއް. އަޅުގަނޑަކީ ތަނެއްގައި ޓްރެވަލް އެވޯޑެއް އޮތިއްޔާ އޭތި ވެސް ހުށަހަޅާ މީހެއް. ފިލްމް އެވޯޑެއް އޮތިއްޔާ އޭތި ވެސް ހުށަހަޅާ މީހެއް. ބިޒްނަސް އިން ފެށިގެން ސޯޝަލް އިވެންޓްތައް ހުށަހަޅައިދިން އިރު ވެސް ދުވަހަކު ވެސް އަޅުގަނޑަކަށް ނާދެ ސުވާލެއް އެމްބީސީގެ ފަރާތުން،" ނަމްޒާ ބުންޏެވެ.

އޭނާ ބުނީ ރަސްމީކޮށް އަދި ޕްރޮގްރާމްތަކުން ސަސްޕެންޑް ކުރިކަން ނާންގާ ކަމަށާއި ނަމަވެސް އެކަން އެނގުމާ ގުޅިގެން ޕްރޮގްރާމް ހެޑް އިބްރާހިމް ރަޝީދަ (އިއްބެ) އަށް ގުޅުމުން ކޮންޓްރެކްޓް މިހާރުން މިހާރަށް ޓާމިނޭޓް ކުރަން އެމްޑީ އަންގާފައިވާ ކަމަށް އިއްބެ ވިދާޅުވެފައިވާ ކަމަށެވެ.

ނަމްޒާ ބުނީ އޭނާގެ ވަޒީފާގެ ކޮންޓްރެކްޓް ބާތިލްކޮށްފިނަމަ، ހައްގު ހޯދުމަށްޓަކައި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށެވެ.

އެމްބީސީން ގެނެސްދިން މަޝްހޫރު އެތައް ޕްރޮގްރާމެއް ހުށަހަޅައިދީފައިވާ ނަމްޒާ ޕްރޮގްރާމްތަކުން އެކަހެރި ކުރި އިރު، އޭނާ އެންމެ ފަހުން ހުށަހަޅައިދެމުން ގެންގޮސްފައި ވަނީ "މަގޭ ރާއްޖެ" ޕްރޮގްރާމެވެ.