20 Jan 2013, 17:03
ރާއްޖޭގެ އެކި އަތޮޅުތަކުގައި ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ ގޮތަކަށް އެ ހިދުމަތް ނުދޭ ފަރާތްތަކުގެ އެގްރިމެންޓް ބާތިލް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.
ވެލާނާގޭ ޕްރެސް ރޫމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް މިއަދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވާ ފަރާތްތަކަކީ އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ ގޮތަކަށް އެ ހިދުމަތް ނުދޭ ފަރާތްތަކުގެ އެގްރިމެންޓް ބާތިލް ކުރަން ނިންމާފައިވާ ކަމަށެވެ.
"ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކޮންޓްރެކްޓް ކުރެވިފައި ވަނީ ހަތް ކުންފުންޏަކާ އެކު. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ހިދުމަތްދޭ ސަރަހައްދުތަކުން ދެމުންދާ ހިދުމަތް މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެ މެދުކެނޑިފައި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާއި އެ ފަރާތްތަކާ މެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމާއި 15 ހެކްޓަރުގެ ބިމުގެ އިތުރުން ފެރީ ޓާމިނަލް އެޅުމަށް ދޫކުރާ ބިންތަކުގެ ބޮޑުބައެއް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަތި އުރުރާއި މަތިދެކުނުގެ އިތުރުން މެދު ދެކުނު ސަރަހައްދުތަކުގައި ފެރީގެ ނިޒާމް ސަބްސިޑައިޒް ކުރުމަށް އެ ހިސާބުތަކުގައި އެ ހިދުމަތްދޭ ފަރާތްތަކަށް ދޫކޮށްފައިވާ ރަށްރަށަށް އިސްންވެސްޓްކުރާނެ ފަރާތެއް ހޯދާފައިނުވާ ކަމަށެވެ.
"ހިދުމަތް ހުއްޓިފައިވާ ސަރަހައްދުތަކުގައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދޫކުރެވިފައިވާ ބިންތައް ތަރައްގީކުރާނެ އިންވެސްޓަރުން ލިބިގެން ނޫން ގޮތަކަށް މިހާރު އޮތް މޮޑެލްގައި ކުރިއަށް ނުދެވޭނެ ކަމަށް އަޅުގަޑު ދެކެން." ނާޒިމް ވިދާޅުވި އެވެ.
އެކަށީގެންވާ ގޮތަކަށް ފެރީގެ ހިދުމަތް ނުދެވޭ ފަރާތްތަކުގެ އެގްރިމެންޓް ބާތިލު ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު ފެރީގެ ނިޒާމްގެ މައްސަލަ ޖެހިގެން ރައްޔިތުންގެ ގިނަ ޝަކުވާތައް މިހާރު ވަނީ އުފެދިފަ އެވެ.