20 Jan 2013, 15:50
ހދ. ހަނިމާދޫން އިންޑިއާގެ ޓުރެވެންޑުރަމްއަށް ދަތުރުތަށް ފަށާއިރު، އެ ދަތުރަށް އައިލެންޑް އޭވިއޭޝަންގެ ޓިކެޓާއެކު އިންޑިއާގެ ވިސާ ލިބޭގޮތަށް އައިލެންޑް އޭވިއޭޝަނާއި އިންޑިއަން ހައިކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓުރީން ބުނެފިއެވެ.
ވެލާނާގޭ ޕުރެސް ރޫމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު ނާޒިމް ވިދާޅުވީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ވައިގެ ދަތުރުތަށް ފަށަން ހަމަޖެހިފައިވާއިރު ހަނިމާދޫއިން އިންޑިއާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ވިސާ ހޯދައިދިނުމުގެ މަސައްކަތް ދެ ފޭސް އަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި އައިލެންޑް އޭވިއޭޝަނުން ޓިކެޓް ގަތުމުން ވިސާ ލިބޭގޮތަށް އައިލެންޑް އޭވިއޭޝަނާއި އިންޑިއަން ހައިކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ކަމަށާއި ދެވަނަ ފޭސް ގައި ހައިކޮމިޝަނުގެ މުވައްޒިފުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ހަނިމާދޫއަށް ގޮސް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޓިކެޓްގެ އަގުތަކާއި ޓިކެޓް ވިއްކަން ވަރަށް އަވަހަށް އައިލެންޑް އޭވިއޭޝަނުން އިއުލާން ކުރައްވާނެ، އަދި އެ ޓިކެޓް ބައްލަވައިދެއްވާ ފަރާތްތަކަށް އެއަށް ބޭނުންވާ ހުރިހާ ފޯމްތަކާއި އެއްޗެތި ފުރުމަށް ފަހުގައި ހައިކޮމިޝަނަށް ހުށައަޅައި ވިސާގެ ކަންތައްތަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ލިބޭނެ ގޮތަށް މިހާރު ވާނީ ހަމަޖެހިފަ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލ. ކައްދޫއާއި ގއ. ކޫއްޑޫ ގެ އިތުރުން ގދ. ކާޑެއްދޫ އެއާޕޯޓް ޕުރޮވައިޓޭޒް ކުރުމުގެ ގޮތުން ހުށައެޅި ފަރާތްތަކުގެ ޕުރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ އެއާޕޯޓްތަށް ހިންގުމަށް ހޮވޭ ފަރާތްތަކައި ހަނިމާދޫއިން އިންޑިއާ އާއި ދެމެދު ދަތުރުތަށް ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.