03 Oct 2010, 08:08
ރާއްޖެއަށް ހާއްސަ ފްލޯޓިން ކޮންސެޕްޓް އަންނަ ހަފުތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށާއި "ފްލޯޓިން ގޮލްފް ކޯސް" ނުވަތަ "ކަނޑުމަތީގައި ދިރިއުޅުން" ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ހިންދުސްތާނު ޓައިމް އިން ބުނެފި އެވެ.
ހުވަފެނީ، މި މެގަ ޕްރޮޖެކްޓާބެހޭ ގޮތުން އެ ނޫހުގެ އިއްޔެގެ އޮންލައިން ނަމްބަރުގައި ބުނެފައިވަނީ ރާއްޖެ އަށް ހާއްސަ ފްލޯޓިން ކޮންސެޕްޓެއް ޑަޗް ޑޮކްލެންޑްސްގެ ކްރިއޭޓިވް ޑިރެކްޓަރެއް ކަމަށްވާ ކޮއެން އޯތިއަސް ފަރުމާކޮށްފައިވާ ކަމަށާއި ހަފުތާއެއްގެ ތެރޭގައި ތެރޭގައި އެ ފަރުމާ އާއި ތަފުސީލު އާންމު ކުރާނެ ކަމަށެވެ.
ނޫހުގައި އަދި ބުނެފައި ވަނީ މިއީ މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށާއި މުޅި ޕްރޮޖެކްޓަކީ ވެރިރަށް މާލެ ކައިރިން ކަނޑުމަތީގައި ހަދާ ފްލޯޓިން ގޮލްފް ކޯހަކާއި ކަނޑުމަތީގެ އަވަށެއް ތަރައްގީ ކުރާނެ މަސައްކަތެއް ކަމަށެވެ.
މިފަދަ ކޮންސެޕްޓް ފަރުމާކުރާ ޑެލްޓާސިންކް ކުންފުނިން ބުނީ ކަނޑުގެ އަވަށުގައި ބަގީޗާއާއި ގަރާޖުތައް ހުންނާނެ ކަމަށާއި ކަނޑުމަތި އާބާދުވެގެން އަންނައިރު އެ އަވަށުގައިވާ ފްލޯޓިން ގެތައް ހުންނާނީ ރާޅުތަކުގެ ތެރޭގައި ކަމަށެވެ. އެއިން ގެއެއް ހޯދަން ބޮޑު ހޭދައެއް ކުރަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހިންދުސްތާން ޓައިމްގައި ބުނަނީ ރާއްޖޭގައި ތަރައްގީކުރާ މޫދު ގެތަކުގެ އަވަށުގެ ފުރަތަމަ ފިޔަވަހި 2013ގައި ނިމޭނެ ކަމަށާއި މުޅި އަވަށް ކަނޑުމަތީގަ އާބާދުކޮށް ނިމޭނީ 2017ގައި ކަމަށެވެ.
ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި، ފްލޯޓިން ގޯލްފް ކޯހެއް ރާއްޖޭގައި ހެދުމުގެ އެއްބަސްވުމެއްގައި ނެދަލޭންޑްގެ ކުންފުންޏަކާ އެކު، މާޗް6، 2010ގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ.