20 Jan 2013, 15:30
އިނގިރޭސި ލީގުގައި ރޭ މެންޗެސްޓާ ސިޓީ އެޓީމުގެ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިން ދެލަނޑުން މެޗު ކާމިޔާބު ކޮށް ލީގު ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު އޮތް ހަތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ރޭގެ މެޗު ފެށިގެން 95 ސިކުންތު ތެރޭގައި ސިލްވާ ވަނީ ފުލަމްގެ ކޮޅަށް ލަނޑެއް ކާމިޔާބުކޮށް ސިޓީއަށް މެޗުގެ ކުރި ހޯދައި ދީފަ އެވެ. އަދި މެޗުގެ ދެވަނަ ލަނޑު އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 69 ވަނަ މިނިޓުގަ އެވެ.
ރޭގެ މެޗުގައި ސީޓީން ފުލަމްގެ ގޯލަށް 20 ހަމަލާ ފޮނުވާލިއިރު އޭގެތެރެއިން 11 ހަމަލާ ވަނީ ގޯލަށް އަމާޒު ކޮށް ދެ ހަމަލާވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ފުލަމް އަށް ސީޓީގެ ގޯލަށް ފޮނުވާލެވުނު އިރު އެއިން އެންމެ ހަމަލާއެއްވެސް ސިޓީގެ ގޯލަށް އަމާޒު ކުރެވިފަ އެއް ނުވެ އެވެ.
ރޭގެ މެޗަށްފަހު ސިޓީގެ އެސިސްޓެންޓް ކޯޗު ޑޭވިޑް ޕްލެޓް ވަނީ ސިލްވާގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި ޕްލެޓް އިތުރަށް ބުނީ އެޓީމު ފަހު ހާފުގައި ދެއްކި ކުޅުން ފުރަމަ ހާފުގެ ކުޅުމަށް ވުރެވެސް ރަނގަޅު ކަމަށާއި އެގޮތުން މެޗުގެ ނަތީޖާ ތިނެއް ނުވަތަ ހަތަރަކަށް ބަދަލު ކޮށްލެވޭ ކަހަކަ ފުރުސަތުތަށް ލިބުނު ކަމަށެވެ.
"ސިލްވާ މިދިޔަ ސީޒަންގައިވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި އަދި މިހާރުވެސް އޭނާގެ ކުޅުން ވަރަށް ރަނގަޅު. މެޗު ނިމެން ދިޔައިރު ތިނެއް ނުވަތަ ހަތަރު ވަރަކަށް ލަނޑު ޖަހާނޭ ފުރުސަތު ލިބުނު. އަދި މެޗުގައި ބައިކޮޅަށް ލަނޑެއް ނުވަދެ މެޗު ކާމިޔާބު ކުރެވުނީމަ ވަރަށް ރަނގަޅު،" ސިޓީގެ އެސިސްޓެންޓް ކޯޗް ބުންޏެވެ.
ފުލަމްގެ ކޯޗު މާޓީން ޖޮލް ބުނީ އެޓީމަށް އެ މެޗުގެ ކޮންޓްރޯލް ގެއްލުނީ މެޗުގެ ކުރީކޮޅުގައި ޓީމު ކޮޅަށް ލަނޑެއް ވަނުމުގެ ސަބަބުން ކަމަށެވެ.
މެ މެޗުގެ ނަތީޖާއާއެކު ސިޓީއަށް މިހާރު ވަނީ 51 ޕޮއިންޓު ލިބިފައެވެ. އަދި މިއަދު މެންޗެސްޓާ ޔުނައިޓެޑް ޓޮޓެންހަމް އާއި ވާދަކުރާ މެޗުން މޮޅުނުވެއްޖެ ނަމަ 55 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް ޔުނައިޓެޑާއި ދެމެދު މިހާރު އޮތް ހަތަރު ޕޮއިންޓުގެ ފަރަގު ސިޓީއަށް ހިފެހެއްޓޭނެ އެވެ.
ޕްރިމިއާ ލީގުގެ ހަތް ވަނައިގަ އޮތް ލިވަޕޫލް ވަނީ ރޭ އެޓީމުގެ ދަނޑުގައި ފަހެއް ސުމަކުން ނޯވިޗް ސިޓީ ބަލިކޮށް 34 ހަތަރު ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަ ވަނައިގައި އޮތް އާސެންލްއާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. އާސެނަލް އަށް ކުރިލިބެނީ ފައިދާ ހަތަރު ލަނޑުގެ ތަފާތުން ނެވެ.
އިނގިރޭސި ލީގުގައި މިއަދު ހަވީރު 6:30ގައި ޗެލްސީއާއި އާސެނަލް ބައްދަލު ކުރަން ހަމަޖެހިފައިވާ އިރު ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00ގަ އެވެ.