އިސްލާމް ދީނުގެ ނަޒަރުގައި އެންމެ ބޮޑު ފާފައަކީ މާތްﷲ އަށް ޝަރީކުކުރުމާއި ކުފުރުވުމެވެ. އެކަންކަމުގެ ސަޒާއަކީ އަބަދާއަބަދުގެ ނަރަކައެވެ. ކާފަރުކަމުގެ ޙާލަތުގައި މިދުނިޔެއާ ވަކިވެއްޖެ މީހެއްގެ ކުރިމަތީގައި އަބަދަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ވަނީ ލެއްޕިގެންނެވެ. އެމީހެއްގެ ތަންމައްޗެއް ކަމުގައްޔާއި ރަޖައެއް ކަމުގައި ވާނީ ނަރަކައިގެ އަލިފާނެވެ. ޝިރުކާއި ކުފުރުގެ އިތުރަށްވެސް ތާއަބަދު ނަރަކައިގައި ދެމިހުންނަން ޖެހޭނެކަން އަންގަވައިފައިވާ އެހެން ފާފައެއްވެސް އެބައޮތެވެ. އެފާފަ ކުރާ މީހުން ދެކެ އަރަހުށި މާތްﷲ އަބަދަށް ކޯފާވެވޮޑިގެންވާނެ ފާފައެކެވެ. އެފާފައަށް އަރައިގަންނަ މީހާއަށް އަބަދަށްޓަކައި މާތްﷲ ގެ ލަޢުނަތް އޮއްސަވަމުން ގެންދަވާނެ ފާފައެކެވެ. އާދެ އެއީ ކިހާ ނުރައްކާތެރި، ކިހާ ބިރުވެތިވާން ޖެހޭ ފާފައެއްތޯއެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"އަދި، ޤަސްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި އަބަދަށް ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ." (އައްނިސާއު: 93)

އެމީހެއްގެ ހިތުގައި އަރަހުށި މާތްﷲގެ ކޯފާއާމެދު ބިރުގެ ކަންފުޅެއްވެސް ނެތް މީހަކާ މެދު ލިޔާނީވެސް ކީކޭތޯއެވެ؟ އަރަހުށި މާތްﷲ ދެކެ ބިރުން އެމީހެއްގެ ލޮލަށް ދުވަހަކުވެސް ތެތްކަމެއް ނާންނަ މީހަކާމެދު ބުނާނީވެސް ކީކޭތޯއެވެ؟

ޝައްކެއް ނެތެވެ. އާޚިރަތްދުވަހަށް އީމާންވާ، ނަރަކައާއި ސުވަރުގެ ޤަބޫލުކުރާ މީހަކު ނަމަ އިސްވެދިޔަ އާޔަތުގައި އަރަހުށި މާތްﷲ ދެއްވައިފައިވާ ބިރުވެރި ޚަބަރުން އެމީހެއްގެ ލޯލިތައް ކޮޅަށް ޖެހޭނެއެވެ. ހިތް ރޫރޫއަޅާނެއެވެ. ނަމަވެސް އެމީހެއްގެ މޭގައި ހިތުގެ ބަދަލުގައި ގާބުރިއެއް އޮތް މީހަކު ނަމަ، އެމީހެއްގެ ހިތަށް އިންސާނީ ހަމްދަރުދީއާއި ލޯބީގެ އެންމެ މޮޅޮއް ފެންތިއްކެއްވެސް ފޯރައިފައި ނުވާނަމަ، އެމީހެއްގެ ހިތުގައި ތާއަބަދު ރޯވެފައި ހުންނަނީ އަނިޔާވެރިކަމާއި ރަޙުމްކުޑަކަމުގެ އަލިފާން ކަމުގައި ވާނަމަ ކާއިނާތުގެ ވެރި ރަސްކަލާނގެ ދެއްވައިފައިވާ ބަޔާންވެދިޔަ އިންޒާރާ މެދު އެމީހަކު ކުޑަވެސް ފަރުވާލެއް ނެތުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

މިވާހަކަތައް ބަޔާންކުރާނީ ކޮން ދުލަކުން ކޮން ޤަލަމަކުންތޯއެވެ؟ އަޅުގަނޑުމެންގެ ސައްތައިން ސައްތަ މުސްލިމު ދިވެހިރާއްޖޭގައި ގަސްދުގައި މީހުން މަރާ މީހުންގެ ޢަދަދު އަހަރަކަށްވުރެ އަހަރެއް އަންނަނީ ގިނަވަމުންނެވެ. ހިތެއްފިތެއް ނެތި ތިމާމެންގެ މުސްލިމު އަޚުން ކަތިލަމުން މިގެންދަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާ މީހުންނެވެ. މުސްލިމު މައިންބަފައިންގެ ދަރީންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ދާދި ހެޔޮއަގެއްގައި އެބައިމީހުން އެގަންނަނީ އަރަހުށި މާތްﷲ ގެ ކޯފާއެވެ. އެކަލާނގެ ލަޢުނަތެވެ. ސުވަރުގެ ވިއްކައިލައިފައި އެގަންނަނީ ނަރަކައެވެ. ވަރަށް އާދައިގެ ކަމަކާހުރެ އަންނަ ސިނގު ރުޅިއެއްގައި ތިމާގެ ދާއިމީ ވަޒަނެއް ކަމުގައި އެހަދަނީ ބިރުވެރިކަމުގެ އިންތިހާ ދަރަޖައިގެ ނަރަކައެވެ.

މިއުންމަތުގެ ޙާލާމެދު ދަންނަވާނީވެސް ކީކޭތޯއެވެ؟ މިއުންމަތުގެ މާތް ނަބިއްޔާ ވަނީ އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅާ ހަމަޔަށްވެސް ތަކުރާރު ކުރައްވައި އިންސާނީ ފުރާނައިގެ ޙުރުމަތް ބަޔާންކޮށްދެއްވައިފައެވެ. އެކަކު އަނެކެއްގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރަށް އަރައިގަތުން ނަހީ ކުރައްވައިފައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރައްވައިފައި ވެއެވެ. "އަރަހުށި މާތްﷲ ހުރިހާ ފާފަތަކެއް ޢަފޫކުރައްވާނެ ކަމަށް އުއްމީދު ކުރައްވަމެވެ. ޝިރުކުގެ ޙާލަތުގައި މަރުވެއްޖެ މީހާއާއި، ގަޞްދުގައި މުސްލިމަކު ޤަތުލު ކޮށްފައިވާ މީހާ މެނުވީއެވެ." (އަބޫ ދާއޫދު: 4270)

ޢުބާދާ ބިން ޞާމިތުގެ އަރިހުން ރިވާވެފައި ވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. "ޤަޞްދުގައި މުއުމިނަކު ޤަތުލުކޮށްފި މީހެއްގެ ކިބައިން ފަރުޟު ނަމާދެއް ވިޔަސް ސުންނަތް ނަމާދެއް ވިޔަސް ޤަބޫލެއް ނުކުރައްވާނެއެވެ". އެހެނީ "މުއުމިނަކު ޤަތުލު ކުރެވުމަކީ ދުނިޔެ މުޅީން ފަނާވެގެން ދިޔުމަށްވުރެވެސް އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި މާބޮޑު ކަމެކެވެ." (ނަސާއީ: 399) އަބޫ ސަޢީދުލް ޚުދްރިއްޔު ރަޟިޔަﷲ ޢަންހުއާއި، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައި ވެއެވެ. "މުސްލިމަކު ޤަތުލުކުރުމުގައި އުޑާއި ބިމުގެ އެންމެހައި އަހްލުވެރީން ބައިވެރިވެއްޖެކަމުގައި ވާނަމަ އަރަހުށި މާތްﷲ އެއެންމެންވެސް އަނގަވަތަށް ނަރަކަޔަށް އުއްކަވައިލައްވާނެއެވެ." (ތިރުމިޒީ: 1398) ވިސްނާވަޑައިގަންނަވާށެވެ. މުއުމިނެއްގެ ލޭގެ ޙުރުމަތަކީ އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި ކޮންފަދަ ބޮޑު ކަމެއްތޯއެވެ؟ މުސްލިމަކު ޤަތުލުކުރުމަކީ އަރަހުށި މާތްﷲ ގެ ކިހާ ވަރުގަދަ ކޯފާއަކާއި ލަޢުނަތަކަށް ދަޢުވަތު ދިނުންތޯއެވެ؟

މުއުމިނަކު ޤަތުލުކުރުމަކީ ފާފައެއް ކަމުގައިވާ ފަދައިން މުއުމިނަކު ޤަތުލުކުރުމުގައި އެހީތެރިވެދިނުމަކީވެސް އެހައިމެ ބޮޑު ފާފައެކެވެ. އަދި ކީއްތޯއެވެ. މީހަކު ޤަތުލު ކުރުމަށް ބާރުއަޅައި އެކަމަށް ވާސް ދޭ މީހާއާއި، މީހަކު ޤަތުލުކުރުމުގައި ބޭނުން ކުރެވޭ މީހާގެ ފާފަވެރިކަން އަޞްލު ޤާތިލަށް ވުރެވެސް ބޮޑެވެ.

ޤާތިލާއި ޤަތުލުގެ ޙުކުމާ ބެހޭގޮތުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެވުމުން ޖަވާބު ދެއްވައިފައި ވެއެވެ. "ނަރަކަ ހަތްދިހަ ބަޔަށް ބައި ކުރެވޭނެއެވެ. އޭގެ ތެރެއިން ފަސްދޮޅަސް ނުވަ ބައި ވާނީ ޤަތުލުކުރަން އަންގާ މީހާއަށެވެ. އެއްބައި ޚުދު ޤާތިލަށެވެ. އެބައިވެސް އޭނާއަށް ވަރަށް ބޮޑު ވަރަކަށް ވާނެއެވެ." (އަޙްމަދު)

ޤަތުލުކުރުމަށް ހިތްވަރުދީ ފޯރި ދިނުން މިހާބޮޑު ފާފައެއް ކަމުގައިވާ ފަދައިން މީހަކު މުއުމިނަކު ޤަތުލުކުރާއިރު އޭނާ ސަލާމަތްކުރާން މަސައްކަތް ނުކޮށް ތިބުމަކީވެސް މާތްﷲ ލަޢުނަތް ލައްވާނެ ކަމެކެވެ. (އިބްނު ޢައްބާސް)
އިންސާނަކު ތިމާފަދަ އަނެއް އިންސާނަކު ޤަތުލުކުރުމުން އެ ސާބިތު ކޮށްދެވެނީ އެމީހެއްގެ ގާތުގައި އިންސާނީ ލޭގެ އެއްވެސް އަގެއް ނެތް ކަމެވެ. އިންސާނީ ފުރާނައިގެ އެއްވެސް ޙުރުމަތެއް ނެތް ކަމެވެ. މިއީ އިންތިހާ ދަރަޖައިގެ ބިރުވެރި ކަމެކެވެ. އެހެނީ އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައި ވަނީ މި ދަންނަވާ ފަދައިންނެވެ.

"ނަފުސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ." (އަލްމާއިދާ: 32)

މީހަކު މެރުން މިހާބޮޑު ފާފައަކަށްވީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އާދެ، އޭގެ ސަބަބަކީ ޙަޔާތަކީ ނުވަތަ ފުރާނަޔަކީ މާތްﷲ ގެ އަމާނާތަކަށް ވާކަމެވެ. ފުރާނައެޅުއްވުމާއި، ފުރާނަ ހިއްޕެވުމަކީ ﷲ ގެ ޙައްޤެކެވެ. ޤާތިލު އެކުރާ ކަމަކީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ކުރައްވައިފައިވާ ޙައްޤެއްގެ ތެރެއަށް ވަދެގަނެ އެ ޙައްޤަށް އަތްގަދަކޮށްގަތުން ފަދައެވެ. އެފަދަ ކަމެއް ކުރުމަށްވުރެ ބޮޑު ބޭއިންސާފަކީ ކޮބައިތޯއެވެ؟ ތިމާގެ ދާއިރާއިން ބޭރަށް ނިކުތުމަކީ ކޮބައިތޯއެވެ؟ އަނިޔާއަކީ ކޮބައިތޯއެވެ؟ އަނެއްކޮޅުން ޤަތުލުކޮށްލެވޭ މީހަކަށް އެދެވެނީވެސް ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟ ޤަތުލުކުރެވުމުގެ އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ޚިޔާލަށްވެސް ގެނެވިދާނެތޯއެވެ؟ ޤަތުލު ކުރެވުނު މީހާ އެ މަޙްރޫމު ކޮށްލެވެނީ އަނބުރައިލިބިދިނުން އެކަށީގެންނުވާ ނިޢުމަތްތަކަކުންނެވެ. އޭގެ ބަދަލު ހޯދައިދެވުން މުސްތަޙީލު ކަމަކުންނެވެ.

އާދެ މިއީ ޚުދު ޤާތިލާއި، ޤަތުލުވެވުނު މީހާގެ ކަން އޮތްގޮތެވެ. އަނެއްކޮޅުން ވިސްނައިލަމާ ހިންގަވާށެވެ. ކޮންމެ އިންސާނަކީ ކިތައް މީހުންގެ ޙައްޤުތަކާއި ކިހާބައެއްގެ އުއްމީދުތައް އެމީހަކާ ގުޅިފައިވާނެ މީހެއްތޯއެވެ؟ އެމީހެއްގެ ބޮލުގައި މަޢުޞޫމު ތުއްތުތުއްތު ކުދީންކޮޅެއްގެ ތަރްބިޔަތުގެ މަސްއޫލިއްޔަތު އެޅިފައި އޮވެދާނެއެވެ. ޒުވާން ހުސްސަރިބައި އުޚުތުންތަކެއް ބެލެހެއްޓުމުގެ ޒިންމާ އެޅިފައި އޮވެދާނެއެވެ. މުސްކުޅި މަންމައަކާއި ބައްޕައެއްގެ ހުރިހާކަމެއްގެ ބެލެނިވެރިކަމާއި ބަލަދުވެރިކަން އޮތީ އޭނާގެ ބޮލުގައި ކަމަށް ވެދާނެއެވެ. ޒުވާން އަނތްބަކު ހުވަފަތްކޮށްލެވުނީ ކަމުގައި ވެދާނެއެވެ. މީގެ އިތުރަށްވެސް ޢާއިލާގެ ހާދަ ބޮޑެތި ޒިންމާތަކެއް އޭނާއާ ގުޅިފައި އޮވެދާނެއެވެ. މިއީ ހަމައެކަނި ޢާއިލީ ދާއިރާއެވެ. އޭނާއާމެދު އޭނާގެ މުޖުތަމަޢު ކުރާ އުއްމީދުތައް މިއަށްވުރެވެސް މާ ބިޔަވެފައި މާ އުސްވެދާނެއެވެ. ވިސްނާލަމާ ހިންގަވާށެވެ. އެންމެ ފުރާނައެއް ޤަތުލު ކޮށްލައިގެން އެ ވެއްޔާ މޮޑެލެވެނީ ކިތައް މީހުންގެ ޙައްޤުތޯއެވެ؟ ކިހާބައެއްގެ އުއްމީދުތައްތޯއެވެ؟ ޔަތީމު ކުދީންތަކެއް މުޖުތަމަޢަށް ދޫކޮށްލެވެނީއެވެ. ކުށެއްނެތް އަންހެނަކު ބިކަކޮށްލެވުނީއެވެ. މުސްކުޅި މައިންބަފައިންގެ އެހީތެރިޔާ ފިރުކައިގަނެވުނީއެވެ. އެހެންކަމުން މީހަކު ޤަތުލުކޮށްލުމުން އެ ލޭއޮހޮރައިލެވެނީ އެންމެ ފަރުދެއްގެއެއް ނޫނެވެ. މުޅި ޢާއިލާއެއްގެއެވެ. ބޮޑު ދަރިކޮޅެއްގެއެވެ. އަދި ކީއްތޯއެވެ؟ މުޅި އިންސާނިއްޔަތު ޒަބަޙަ ކޮށްލެވުނީއެވެ.

އަރަހުށި މާތްﷲ ޤިޞާޞު ހިފުމުގެ ޤާނޫނު ބާވައިލައްވައިފައި ވަނީ އެހެންވެގެންނެވެ. އިންސާނިއްޔަތުގެ މިފަދަ ބޮޑު މުޖްރިމަކު ދޫކޮށްލައިފައި ބެހެއްޓުމަކީ އެމުޖްތަމަޢެއްގެ ފަނާވެދިޔުން ކަމުގައިވާތީއެވެ. އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާ މެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞުގެ ބައެއް މާފު ކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔަޔަށް އެދުން ހުއްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނު މީހާ) އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުށްޓެވެ." (އަލްބަޤަރާ: 178)

އާދެ، މިމާތް އާޔަތުގައިވާގޮތުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ޤާތިލުންގެ ކިބައިން ޤިޞާޞު ހިފުމެވެ. ވާރުތަވެރީންގެ ފަރާތުން ޤިޞާޞު މާފު ކުރިޔަސް މަރުގެ ދިޔަ ދޭން ޖެހޭނެއެވެ. އަރަހުށި މާތްﷲ ދެއްވާ ލުޔެއްގެ ގޮތުންނާއި، އެކަލާނގެ ރަޙްމަތެއްގެ ގޮތުންނެވެ. ނަމަވެސް މިއާޔަތާ ވިދިގެން އަންނަ އާޔަތުގައި އަންގަވައިފައި ވަނީ ޤިޞާޞު ހިފުމަކީ ދިރުމެއް ވާކަމެއް ކަމުގައެވެ. މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެކެވެ. ވަރަށް ބޮޑު ޙިކުމަތެއް ފޮރުވިފައިވާ ކަމެކެވެ. އެހެންކަމުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް މީހުން މެރުން އިތުރުވަމުން ދާއިރު މިއަމުރުފުޅުތައް މިގޮތަށް ތަރުތީބު ކުރެއްވުމުގެ ފުން މާނައާމެދު ޤައުމީ ފެންވަރުގައި ފިކުރުހިންގުން ލާޒިމެވެ. ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތަށްފަހު 179 ވަނަ އާޔަތުގައި އަންގަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި، ޤިޞާޞު ހިފުމުގައި ތިޔަމައިމީހުންނަށް (ވަރަށް ބޮޑު) ދިރުމެއް ވެއެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ!" (އަލްބަޤަރާ: 179)

ކުށަކުން އޮޅިގެން މުއުމިނަކު ޤަތުލު ކުރެވުނު ކަމުގައި ވިޔަސް، ނުވަތަ މުއުމިނުންނާ ޢަހްދެއް ވާ ޤައުމެއްގެ މީހަކު ކުށަކުން އޮޅިގެން ޤަތުލު ކުރެވުނު ކަމުގައިވިޔަސް މަރުގެ ދިޔައާއެކު ކައްފާރާ ދޭން ޖެހެއެވެ. މުއުމިނުންނާ ޢަދާވާތްތެރި ޤައުމެއްގެ މީހަކު މުއުމިނަކު އޮޅިގެން ކުށަކުން ޤަތުލު ކުރެވުނަސް ކައްފާރާ ދޭން ޖެހެއެވެ. މިއިންވެސް އެނގެނީ ކުރީންވެސް ދަންނަވަމުން އައި ފަދައިން އަރަހުށި މާތްﷲ ގެ ޙަޟްރަތުގައި އިންސާނީ ފުރާނައިގެ ޙުރުމަތްތެރިކަން ބޮޑުކަމެވެ.

ޤަޞްދުގައި މުއުމިނުން ޤަތުލުކުރާ މީހުންނަށް ކައްފާރާ ޢައްޔަން ކުރައްވައިފައި ނުވަނީ ކަމުގެ ބޮޑުކަމަށްޓަކައެވެ. މުޅި ޢުމުރަށް ތައުބާވޭވެ، އަސްތަޣުފާރު ކޮށްކޮށް ތިބުމަށް ޓަކައެވެ. ފަހަރެއްގައި އޭގެ ސަބަބަކީ އެ ކުށުގެ ބޮޑުކަމުން އެކުށުގެ ކައްފާރާއަކަށް ފުދޭފަދަ އެއްވެސް ޢަމަލެއް ނުވާތީ ކަމުގައި ވުމަކީވެސް ދުރުކަމެއް ނޫނެވެ. އެހެނީ އޭނާ ވެރިވެގެންފައި އެވަނީ އަރަހުށި މާތްﷲ ގެ ވަރަށްބޮޑު ޙައްޤަކަށެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙައްޖަތުލްވަދާޢުގައި މުސްލިމުންނާ މުޚާޠަބު ކުރައްވައި ސުވާލު ކުރެއްވިއެވެ. މިއަދަކީ ކޮން ދުވަހެއް ހެއްޔެވެ؟ މިއީ ކޮން މަހެއް ހެއްޔެވެ؟ މިއީ ކޮންތަނެއް ހެއްޔެވެ؟ އެ ސުވާލުތަކަށްފަހު ޙަދީޘު ކުރެއްވިއެވެ. މިއީ ޙަރާމް ކުރެއްވި މަހެކެވެ. ޙަރާމް ކުރެއްވި ދުވަހެކެވެ. ޙަރާމް ކުރައްވައިފައިވާ ބިމެކެވެ. މުސްލިމުންގެ ފުރާނައާއި، މުދަލާއި، ޢިއްޒަތާއި އަބުރު މިއަށްވުރެވެސް މާބޮޑަށް ޙުރުމަތްތެރިވުން ޙައްޤެވެ. (ބުޚާރީ) އެހެންކަމުން އެމާތް ރަޙްމަތުގެ ނަބިއްޔާގެ އުންމަތަށް އިންސާނީ ފުރާނަޔާއި ލޭގެ ޙުރުމަތް ވިސްނައިނުގަނެވި އޭގެ ތެރެއިން އެކަކު އަނެކެއްގެ ލެއިން ތިމާގެ އަތުގައި ކުލަ ޖައްސަމުންދާކަމީ ޙައިރާންވެ އަންތަރީސްވާފަދަ ކަމެކެވެ.