ރ. މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަހުމަދު ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެ މައްސަލައާ ގުޅޭގޮތުން ބުނީ 2010 ވަނަ އަހަރު އޮކްޓޯބަރު މަސް ތެރޭ އެއްވެސް ކޯޓޭޝަނެއް ނުހޯދައި އިއުލާނެއް ނުކޮށް 14،500ރ. އަށް ބައު ޓޭންކެއް ގަނެގެން މާކުރަތު އިންޖީނުގޭގައި ބަހައްޓާފައިވާ ކަމަށެެވެ. އަދި އެ ޓޭންކް ގެންދިޔަ ދުވަހުން ފެށިގެން އެއްވެސް ބޭނުމެއްކޮށްފައި ނުވާ މައްސަލަ ތަހުގީގު ކުރިއިރު، މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަހުމަދު، އެކަމާ ބެހޭ މުވައްޒަފުންގެ ފަރާތުން ފުރިހަމަ މައުލޫމާތު ނުހޯދައި ވަކި ފަރާތެއްގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަށް އެކޮމިޝަނަށް މައުލޫމާތު ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭސީސީން އިތުރަށް ބުނީ މާކުރަތު ކައުންސިލް އިދާރާގައި ހުރި އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ފޮނުވައި ދިނުމަށް އެ ކޮމިޝަނުން މާކުރަތު ކައުންސިލްގައި އެދުމުން، އެ އިދާރާގައި އޮތީ ފައިސާގެ ބިލެއް އެކަނި ކަމަށް، އެ ކޮމިޝަނަށް ހަސަން އަހުމަދު ސޮއި ކޮށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ކައުންސިލަރުން ފައިލްތަކުން އެކި ލިޔުންތައް ކަމާގުޅޭ މުވައްޒަފުންނަށް ނޭންގި ނަގާ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ލިޔުންތައް ލިބިފައި ނުވާކަން އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަދި އޭސީސީގެ ތަހުގީގު ޓީމުން އެރަށަށް ގޮސް ބެލިއިރު، ތެޔޮއަޅާ ޓޭންކް ގަތުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ޕޭމަންޓް ވައުޗަރާއެކު އެޓޭޗްކޮށް ފައިލްކޮށްފައިވަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރުވާފައި ވަނީ ތަފާތު ތިން ފަރާތަކުން އަގު ހޯދައިގެން ކަމަށްވާތީ އާއި އަގު ބަލާފައި ވަނީ އެ އިދާރާގެ ދެ މުވައްޒަފެއްގެ ހާޒިރުގައި ކަން އެނގުނު ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.