މިވަނީ ކީއްހެއްޔެވެ؟ ދިވެހިން ކުރެ ގިނަ ބަޔަކު އެއްފަހަރާ ހަމައިން ނައްޓާލަން މިދިމާވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟

ގަބޫލުނުކުރާ މީހަކު، ބަޔަކު ތިއައީ ދޮގެކޭ މިތިބީ ހަމައިގައޭ ބުނެފާނެއެވެ. ބުނާނެ ވެސް މެއެވެ. އެކަމަކު ފުންކޮށް ވިސްނާލާ ހަމަކޮންމެ މީހަކުމެ މިއީ ތެދެއްކަމުގައި ބަލާނެއެވެ. އެއްމެކުޑަމިނުން މިކަމާވިސްނާ، އެވިސްނުމުގެ އަލީގައި ކަމެއް ވެގެން އެބައުޅޭކަން ގަބޫލު ކުރާނެކަން ޔަގީނެވެ. މިކަމާ އެއްބަސްވެ މިކަންގަބޫލުކުރާ ބަޔަކު މިކަމުގެ ތަފާތު ސަބަބުތައް ކިއައިދޭނެވެސް މެއެވެ. ބޭރުބައެއްގެ ރޭވުމޭ، ޓީވީ އާއި އިންޓަނެޓުގެ މަގުފުރެއްދުމޭ، ނޫންނަމަ ސިހުރު ހާހޫރަ ޖެހިފައޭ ވެސް ނުކިޔާނެ ކަމެއް ނޭނގެއެވެ.

މިވަނީ ކީއްހޭ އަހަންޖެހެނީ އަހަރެމެންނަށް އިހަށް ނުވާ ތަފާތުގޮތްތަކެއް ވެގެން އުޅޭ ކަން ޔަގީންކުރެވޭ ތީއެވެ. މިރާއްޖޭގައި އަހަރެމެން ތެރޭގައިއޮތް އެއްބައިވަންތަކަން މުޅިންހެން ނެތި ހިނގައްޖެއަތީ އެވެ. އެކަކު އަނެކަކާ ހަސަދަވެރި ވެގެން އުޅޭކަން ސާބިތުވާތީއެވެ. އެއްބަޔަކު އަނެއްބަޔަކާއި ޖެހި ރުޅިވެރިކަން ހައްދުފަހަނަޅައި ދާތީއެވެ. މިއަދު އަހަރެމެންގެ ތެރޭގައި އެއްބައިވެ އެކުގައި އުޅޭ އާއިލާތައްވެސް މަދުވެ ނެތިގެން ދާކަމަށް ޓަކައެވެ. ކަމުދާ މީހަކު، ނުވަތަ އަހަރެމެންނަށް ގަބޫލުކުރެވޭ އިސްމީހަކު ނެތްކަހަލައެވެ. ތިމާއާއި ތިމާގެ އަމިއްލަ ގޮތުގައި އުޅޭ ބައިބައިގަނޑު ފިއަވައި އެހެން އެއްމެން ނަކީ ގޯސް މީހުންނެވެ. އިންސާފެއް ހަމައެއް އުސޫލެއްނެތި ހިތަށްއެރި ގޮތަކަށް ކަންކަންކުރާ ބައެކެވެ. އެއްބަސްވެވޭ، އެއްގަލަށްއެރޭ އެއްކަމެއް ވެސް މިހާރަކު ދެންހަމަ ނެތެވެ.

މިކަމުގައި އޮފީހެއް މިނިސްޓަރީއެއް ކުންފުންޏެއް އިސްކޫލެއް ޖަމިއްޔާއެއް ވަކިތަފާތެއް ނޫނެވެ. އެއްމެ މިސާލެކެވެ. ފާހަގަކުރެވޭ މުހިންމު އަމާޒެއް ކަމުގައިވާތީ އަހަރެމެންގެ ކަންކަން ހަމަޖައްސަން އަހަރެމެންހޮވި ރައްޔިތުންގެ މަޖިލީހަށް ބަލައިލަމާ ހިނގާށެވެ.

އެއްމެ ފުރަތަމަ ހާޒިރީއެވެ. މަދު، ހަމަ ދާދި މަދު ބަޔަކުނޫނީ ހާޒިރީއަކީ އެއްވެސް ފަރުވާލެއް ބަހައްޓާ އެއްޗެކޭ ބުނެވޭކަށް ނެތެވެ. ކޮންމެކަމެއް ކޮންމެގޮތަކަށް ވެގެންދިޔައަސް ވެހެވެ.

އިޚުލާޞް ތެރިކަމެއް ނުފެނެއެވެ. ވަރަށް މަދު މެންބަރުންކޮޅެއް ފިއަވައެވެ. ފިސާރި ކެރިގެން ފާޅުގައި ޖެއްސުންކުރުމަކީ މިހާރުގެ އާދައެކެވެ. އެކަކު އަނެކަކާދިމާކޮށް ދެރަކޮށް ހާރުވައިލުމުގެ ބޭނުމުގައެވެ. އެއްބަޔަކު އަނެއްބަޔަކުގެ އަގުވައްޓާލައި ބޭޒާރުކޮށްލުމުގެ ނިޔަތުގައެވެ. ނަތީޖާއަކަށް ވެފައިވަނީ ކުރަން މަޖުބޫރުވެފައިވާ އެތައްއެތައް މަސައްކަތެއް ނުކުރެވުމެވެ. އެ ނުކުރެވުމުގެ ސަބަބުން އާއްމު ގެއްލުންތަކާކުރިމަތިވެ އާއްމުކޮށް މުޅިގައުމަށް އޭގެ ނޭދެވޭއަސަރު ކުރަމުންފޯރަމުން އައުމެވެ.

ޖެހިލުންވުމެއް ނެތެވެ. ބުނާމީހަކު "ޖެހިލުންވެ ނުކެރި އެއްވެސް ކަމެއް ނުކުރެވޭނެއޭ" ބުނެފާނެއެވެ. އެކަމަކު އެއީ ރަނގަޅު ބުނުމެއްނޫނެވެ. ހަމަ ކޮންމެއިންސާނަކަށް ވެސް އެމީހަކު ޖެހިލުންވެ ފަސްޖެހި ނުކޮށް ދޫކޮށްލަން ޖެހޭ އެތައްކަމެއް ހުންނަން ޖެހެއެވެ. އެއީ އެމީހާ އަށާއި އެހެންމީހުންނަށް ޓަކައި ނުކޮށް ދޫކޮށްލަން ޖެހޭ ކަންކަމެވެ. އަމިއްލަ ކަރުގައި ވަޅިއަޅަން ޖެހިލުން ވާން ޖެހެއެވެ. ތިމާގެ އުފަން މައިމީހާ އަށް އަނިޔާކުރަން ފަސްޖެހެން ވާނެއެވެ. ހަމަ މިއުސޫލުން މަޖިލީހުގައި ތިމާގެ ބަހުރުވައާއި އަމަލުތައް ވަކިއިމެއްގައި ގެންގުޅެން މަޖުބޫރު ވެއެވެ. އެއީ ޖެހިލުމެއްނުވެއޭ،ފަހެއްނުޖެހޭނަމޭ ކިޔާފައި ހިތަށް އެރި ގޮތަކަށް ދުލަށް އައިހާ އެއްޗެއް ބުނެ ގޮވާލާ އިއްވައި އުޅޭނެ ހިތުހުރިގޮތަކަށް އުޅެގެން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބޭތީއެވެ.

ކީއްވެގެން ހެއްޔެވެ.؟ ސުވާލަކީ މިއެވެ. ސުވާލު އުފެދިގެން މިއުޅެނީ މިބުނިހެން ކަންކަން ހުރީމައެވެ. ޖަވާބަކީ ކޮބައިހެއްޔެވެ؟

ފަންޑިތަހަދައިގެން ބޮނޑިބަތް ކާންދީގެންނޭ ބުންޏަކަސް ގަބޫލެއް ނުކުރެވޭނެ އެވެ. ތިޔައީ މިގަރުނުގެ ދިވެހިން ވެސް ގަބޫލުކުރާނެ ބުނުމެއް ނޫނެވެ.

އަމިއްލަ ފައިދާއާއި ވަގުތީ އުފަލަށް ޓަކައި އެއްމެންމެ ތިމަތިމާމެންގެ ނަފުސުތައް ވިއްކާލީއޭ ވެސް އެބަ ބުނެއެވެ. އެހެންކަމުގައި ވަނީނަމަ އެފަދަ އެއްމެންމެ އުޅެންވާނީ ފައިދާލިބި އުފަލުގައި ތާއެވެ. އެކަމަކު އެހެނެއް ވެސް ނޫނެވެ. އެކިވަކި ތަފާތު މައްސަލަ ތަކުގައި ތާށިވެ ހަފުސްވެފައި ތިބޭތަން ފެންނަކަމީ ފޮރުވިފައި އޮތް ކަމެއްނޫނެވެ. ދިމާއަށް އޮތް ހަގީގަތެވެ.

މަޖިލީހުގެ ގަވައިދުތަކާއި ރާއްޖޭގެ ގާނޫނު ދޯހަޅީއެވެ. ތިއަ ޖަވާބުގައި ހަގީގަތްތަކެއް ނެތެކޭ ނުބުނެ ވޭނެއެވެ. ހުންނަންވީ ނުވަތަ ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ބަލައިލުމުން ވެސް ހިތްހަމަޖެހެވޭކަށް ނެތެވެ. ކަންކަން ކުރުމަށް ދީފައިވާ ފުރުސަތުތަކާއި މެދު ފިކުރު ކޮށްލުމުން އިނގިލީގައި ދައިގަނެވޭވަރު ނުވާ މީހަކު މަދެވެ. ހިންގާނެ ގޮތްރޭވުމާއި މުސާރައާއި އެކިވަކިނަފާ އަމިއްލައަށް ކަނޑައެޅޭގޮތަށް އޮތް އޮތުމަކީ ހައިރާންވެ ސޮނި ވެއްޓޭވަރު ގެ ކަންކަމެވެ. އެކަމަކު ހަމައެކަނި ގާނޫނާއި ގަވައިދު ބަދަލުކުރުމަކުން ހަމައަކަށް ނޭޅުވޭނެއެވެ. ކުޑަވަރެއްގެ ރަނގަޅެއް ނުވާނެއެކޭ ނުބުނަމެވެ.

މެންބަރުން ހޮވުނުގޮތް ގޯހީއެވެ. މިފަހަރު އެއްބަސް ނުވެ ހަދާނެގޮތެއް ނުފެނެއެވެ. ތިޔަ ޖަވާބުފުރިހަމައެވެ. ތަފުސީލަކަށް ދާނަމަ ވެގެންމިއުޅޭ ގޮތަކީ އަހަރެމެންގެ ވޯޓު އަހަރެމެން އެހެން ބަޔަކަށް ނުވަތަ މީހަކަށް ދޫކޮށްލީއެވެ. ވިއްކާލީއޭ ބުނުމަކީ ހުތުރުގޮތަކަށް ވާތީ ދޫކޮށްލީއޭ ކިޔަމާ ހިނގާށެވެ. އޭނަ އެދުވަހު ވޯޓުލީއޭނަގެ ބައްޕަބުނި މީހަކަށެވެ. އަހަރެންގާތު ކުންފުނީގެ ބޮޑުމީހާ ބުނެގެންނެވެ. އަލީ ވޯޓުލީ އޭނައުޅޭޕާޓީ ގެ ކެންޑިޑޭޓަށެވެ. އަހަންމަދު ބޭނުންވީ އެރަށުމީހަކު ހޮވާށެވެ. ވަށައިގެން އަހާ ހޯދާ ބެއްޔަސް ވޯޓު ލެވިފައި ހުރީ މިކަހަލަ ގޮތަކަށެވެ. އެކަށީގެންވޭތޯ ނުވޭތޯ ބަލައިގެންނެއް ނޫނެވެ. ނަތީޖާއަކަށްވީ ހޮވުނު ހޮވުމުގައިވެސް އެކަށީގެންވުމާއި ނުވުން ހުރުމެވެ. މިއަދުގެ މައްސަލަ އުފެދުނީ މިގޮތަށެވެ. އެއްބަޔަކު ފާޅުގައި "މިގޮނޑި މިއީ މިވެނިވަރަކަށް ކަލޭމެން އަތުން އަހަރެން ގަތްގޮނޑިއެކޭ" ބުނެލަން ޖާގަ ދެވުނީ ވެސް ތޯއްޗެކެވެ. ހޮވުމަށްފަހު ގޮނޑި މާމުހިންމު ވެގެން އުޅޭތަން ފެންނަލެއް ގިނައެކޭ ނުބުނެވޭނެ އެވެ.

ކޮންމެއަކަސް އަހަރެމެންނަށް ވެގެން މިއުޅޭ ގޮތެއް ދެނެނުގަނެ ތިބެވޭކަށް ނެތްކަން ޔަގީނެވެ. ކޮންމެ މީހަކު އެމީހާގެ ޒިންމާ އުފުލަން މަޖުބޫރެވެ. އަޅާނުލައި މިއަދު އިރުއޮއްސެންދެން ވެސް މިގޮތަށް (ސެމްސަންގ އެސް 3 ފޯނުހިފައިގެން، ގަދަތާކުން ޑެވިލްބީފް ކާލައިގެން ފިނިކޮޓަރީގައި) ސަލާމަތުން ތިބެވޭނެކަމުގެ ކުޑަވެސް އިތުބާރެއް ދެންނެތެވެ. އެއްމެންވެގެން އެއްމެންގެ ސަލާމަތަށް ޓަކައި ފައިކުރިއޮޅައި ފިސާރިކެރިގެން ހަމަ މިހާރު މަސައްކަތް ނުފަށައި މިދިވެހިގައުމު ހިކިފަސްތާކު ލައްވާލާނެއެކޭ ބުނެވޭކަށް ވެސް ނެތެވެ.

އަހަރެމެންނަށް މިތިބީ ކިހިނެއްވެފައި ހެއްޔެވެ؟ އެނގޭ މީހަކު ބުނެދޭނެ ނަމައެވެ.