20 Jan 2013, 14:11
ޕީއެމް ރޫޅި ބައިބައި ވެގެންދާނެ ކަމަށް ބުނެ ބަޔަކު ވާހަކަ ދެއްކި ނަމަވެސް ރައީސް މައުމޫން ހުންނެވިހާ ދުވަހަކު އެކަމެއް ނުވާނެ ކަމަށާއި އެމަނިކުފާނު ނެތް ދުވަހެއްގައި އެމަނިކުފާނުގެ ފޮޓޯފުޅެއް ހުރި ހިސާބެއްގައި ވެސް ޕީޕީއެމް ރޫޅިގެން ނުދާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
~
މިމަހުގެ 17 އިން 19 އަށް ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ ރައީސް މައުމޫންގެ ޒިކުރާ ތާ އަބަދު މި ގައުމުގައި އާ ކުރެވޭނެ ކަމަށެވެ. އަދި ގޮން ޖައްސަވައި ވިދާޅުވީ ޑީއާރުޕީއަށް ވީ ގޮތަށް ޕީޕީއެމަށް ވެގެން ނުދާނެ ކަމަށާއި އެ ފުރުސަތު ދުވަހަކު ވެސް ނުދެއްވާނެ ކަމަށެވެ. ނިހާން ވިދާޅުވީ ހަގީގަތް އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް އެހެންނަކުން ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ޒުވާނުންނާއި މީހުން ރައީސް މައުމޫނާ ގުޅި ޕީޕީއެމް ވަރުގަދަވެގެންދާނެ ކަމަށެވެ.
"މި އިންތިޚާބު ތެރޭގައި މީހުން އަޅުގަނޑާ ސުވާލުކުރި ޕާޓީ ބައިބައި ވަނީހޭ. އަޅުގަނޑު ދަންނަވާނީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިތާ ހުންނެވިހާ ދުވަހަކު އަދި ވަޑައިގެން ނެތް ނަމަ އެންމެ ކުޑަމިނުން އެމަނިކުފާނުގެ ފޮޓޯފުޅެއް ހުރި ހިސާބެއްގައި ވެސް ލާހިކު ކުޅަދާނައެއް ނޫނޭ ޕީޕީއެމް ބައިބައި ވާކަށް. ލާހިކު ކުޅަދާނައެއް ނޫން އެހެން ވާކަށް. އަޅުގަނޑު މި ދަންނަވަނީ އެ ހިތްވަރު ހުރި އެކަކު ވެސް ނުހުންނާނެ. ހަނދާން ނައްތާލާ،" ނިހާން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ކުޑަމިނުން އެމަނިކުފާނުގެ ފޮޓޯފުޅެއް ހުރި ހިސާބެއްގައި ވެސް ލާހިކު ކުޅަދާނައެއް ނޫނޭ ޕީޕީއެމް ބައިބައި ވާކަށް. ލާހިކު ކުޅަދާނައެއް ނޫން އެހެން ވާކަށް. އަޅުގަނޑު މި ދަންނަވަނީ އެ ހިތްވަރު ހުރި އެކަކު ވެސް ނުހުންނާނެ. ހަނދާން ނައްތާލާ،އަހުމަދު ނިހާން ހުސައިން މަނިކު
އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ ގައުމުގެ ހާލަތަށް ބަލާއިރު އަންހެނުންގެ ހައްގުތައް ހޯދުމުގައި އެތައް ގޮންޖެހުންތަކެއް އަދިވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި ކަމަށެވެ. އެހެން ކަމުން ގެވެށި އަނިޔާގެ ބިލް ތަސްދީގު ކުރެއްވުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ ނޭދެވޭ އަނިޔާތަކުގެ ވާހަކަ އިވެމުންދާ ކަމަށާއި އެފަދަ ކަންކަމުން ގައުމު ސަލާމަތްކޮށްދީ ކުށް މަދު އަމާން މުޖުތަމައެއް އަޅުގަނޑުމެންނަށް ދައްކަވައި ދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.