20 Jan 2013, 13:59
ފެބުރުއަރީ ހަތެއްގައި ސިފައިންގެ ތެރެއިން 10 ވަރަކަށް މީހުން ވެސް "ބަޣާވާތު"ގައި ބައިވެރިވެފައިނުވާ ކަމަށް އެ ދުވަހު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ އުސްފަސްގަނޑުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ވަރަށް ރަނގަޅު ބޭފުޅުން އެބަތިއްބެވި ކަމަށާއި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިކަން ބަދަލުވި ދުވަހު ސިފައިންގެ ތެރެއިން 10 ވަރަކަށް ބޭފުޅުން ވެސް "ބަޣާވާތުގައި" ބައިވެރިނުވާ ކަމަށާއި ފުލުހުންގެ ތެރޭގައި ވެސް ކަންތައްވީ އެގޮތަށް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސިފައިންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވެފައި ވަނީ ފަސް ދިހަ މީހުން. އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންގެ ތެރޭގައި ވެސް ކަންތައް ދިޔައީ މިދެންނެވި ގޮތަށް. ފުލުހުންގެ ތެރޭގައި ވެސް އެންމެންނަކީ މިދެންނެވިހެން ބަޣާވާތުގައި ބައިވެރިވި ބައެއް ނޫން. އެކަންކޮށްފައި އެވަނީ މަދުމީސްކޮށްޅެއް،" ނަޝީދު ވިދާޅުވި އެވެ.
ފެބްރުއަރީ ހަތެއްގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން މަޖޫބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށް ވިދާޅުވެ އެ ދުވަހު އިސްތިއުފާދެއްވި ރައީސް ނަޝީދު ވިދާޅުވީ ޣައިރު ގާނޫނީ އަމުރަކަށް ސިފައިންނާއި ފުލުހުން ކިޔަމަންވާން ނުޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އޮފިސަރަކު އަމުރު ކުރާ ކޮންމެ ގަޑިއެއްގައި އަމިއްލަ އަށް ސިފައިންގެ މީހާ އެއީ ގާނޫނީ އަމުރެއްތޯ ނުވަތަ ގާނޫނާ ޚިލާފު އަމުރެއްތޯ ދެނެގަނެފައި އޭނާ އަމިއްލައަށް ކަންކަން ނިންމަން ޖެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މިރާއްޖޭގައި ބަޣާވާތް ކުރެވެނީ ހަމައެކަނި ވެރިކަން ވައްޓާލުމުގައި ސިފައިން ބައިވެރިވިއްޔާ އެކަނި ކަމަށެވެ. އަދި ބަޣާވާތެއްގައި ކުށްވެރިވާނީ ސިފައިން އެކަނި ކަމަށާއި ދެން ތިބި މީހުން އެއީ ގާނޫނާ ޚިލާފަށް ކަންކަން ކުރާ މީހުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސިފައިންގެ ގާނޫނުގެ ދަށުން އެކަނި ބަޣާވާތް އެބަސް ވެސް އިންނަނީ. މިހާރު ގާނޫނު އަސާސީއަކީ ބަޣާވާތް އެބަސް ވެސް ބޭނުންކޮށްފައި އޮތް ގާނޫނު އަސާސީއެއް ނޫން. ބަޣާވާތަކަށް ހަމައެކަނި ވެރިކަން ބަދަލު ކުރުމުގެ ކަމެއް ވަނީ ސިފައިން ބައިވެރިވީމާ އެކަނި. ސިފައިންގެ ބާރު ބޭނުންކޮށްފައިވާ ނަމަ. އެހެންވެ ބަޣާވާތެއްގައި ކުށްވެރިވާނީ ވެސް ހަމައެކަނި ސިފައިން. ދެންތިބި މީހުން އެއީ ގާނޫނާ ޚިލާފު ކަންކަން ކުރާ މީހުން،" ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖުބޫރު ބަޣާވާތުގެ ހާލުން ނެއްޓެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ބަޣާވާތުގެ ހާލަތުގައި ތިބެ އިންތިޚާބަކަށް ނުދެވޭނެ ކަމަށެވެ.