ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދުގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ހުމާމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވެސް ހުމާމް ބުންޏެވެ.

ވަކީލަކު އައްޔަން ކުރަން ކިތައް ދުވަސް ބޭނުންތޯ ގާޒީ އެއްސެވުމުން ހުމާމް ބުނީ އެކަން އެނގޭނީ އާއިލާއާ ވާހަކަދެއްކުމުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހުމާމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 ހާއި ދަންވަރު 2:00 އާއި ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން އޭނާއަށް ހަމަލާދީ ހުމާމް އަފްރާޝީމް މަރާލާފައިވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ކޯޓަށް އެންގުމަށް ހުމާމަށް ފުރުސަތު ދިނުމަށް ފަހު އެވެ.

ފުލުހުން ބުނީ ތަހުގީގުން އެނގޭ ގޮތުގައި ހުމާމް އަފްރާޝީމް މަރާލާފައި ވަނީ ހ. ހިކޯސްޓް އަލީ ޝާނާ ބައިވެރިވެގެންނެވެ. އަދި އެވަގުތު 18 އަހަރުން ދަށުގެ ކުއްޖަކު އަފްރާޝީމް ދިރިއުޅުއްވާ ގެ ކައިރީގައި ފާރައަށް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.