20 Jan 2013, 13:05
ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި ސަރުކާރުގެ އިސް މުވައްޒަފުން މިއަދުން ފެށިގެން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުނުވާނެ ކަމަށް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެކަން އަންގަވައިފި އެވެ.
ރައީސް ވަހީދު މަޖިލީހުގެ ރައީސަށް މިގޮތަށް އަންގަވާފައި މި ވަނީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ އިން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުންދާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހާޒިރުވެވަޑައިގެން އެ ކޮމިޓީއަށް މައުލޫމާތު ދެއްވި ސިފައިންނާއި ފުލުހުންގެ ކުރީގެ އިސް ބައެއް ވެރިން ދެއްވި މައުލޫމާތުތަކެއް އާއްމުކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ވަހީދު ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެގޮތަށް ހަމަޖެއްސެވީ މަޖިލީހުގެ ކަންކަން ހިނގަމުން ދަނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތާ އެކުގައި ކަމަށް މަޖިލީހުގެ ރައީސަށް ޔަގީން ނުކުރެއްވޭތީ އާއި މަޖިލީހަށް ހާޒިރުވާ ފަރާތްތަކުންދޭ މައުލޫމާތުތަކާ މެދު ކަން ކުރެވެނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ވެސް މަޖިލީހުގެ ރައީސަށް ޔަގީން ނުކުރެއްވޭތީ އެކަންކަން އެހެން ނުހިނގާނެ ގޮތަކަށް ބައްލަވައި އެކަށީގެންވާ ފިޔަވަޅު އަޅުއްވައި އެކަންކަން ޔަގީން ކުރެއްވޭނެ ފަދަ އިންތިޒާމެއް ހަމަޖެހެންދެން ކަމަށެވެ.
ކޯނީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވުމުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެ ރިޕޯޓް ދިރާސާ ކުރުމަށް ކަމަށް ބުނެ މިހާރު އަލުން މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާތީ، އުސޫލެއްގެ ގޮތުން މަޖިލީހުން އެފަދަ މައްސަލަތައް ބަލައި ހޯދުންތައް ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ވީނަމަވެސް އެކަން ކުރެވޭނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ހުދޫދުގެ ތެރެއިން ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ނަމަވެސް އެ ރިޕޯޓާމެދު ވަކިގޮތަކަށް އަމަލުކުރުމަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާފައި ނުވުމާއެކު އެހާލަތުގައި އެ ރިޕޯޓާމެދު އަމަލުކުރުމުގައި އެ ރިޕޯޓް ފޮނުވުނު ކޮމިޓީތަކުގެ ގާނޫނީ ޒިންމާއަކަށްވާނީ އެކޮމިޓީތަކަށް މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރެއްވުން ކަމާއި އެ ރިޕޯޓާމެދު އެހެން ގޮތަކަށް އަމަލުކުރުމުގެ ބާރު އެ ކޮމިޓީތަކަށް މިހާލަތުގައި ލިބިފައިނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރަމުން ގެންދާ މަސައްކަތަކީ ގާނޫނީ ހުދޫދުގެ ބޭރުން ހިނގަމުންދާ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އަދި އެމަސައްކަތަކީ އެ ކޮމިޓީއަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭރުން ކުރަމުން ގެންދާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައި ވުމުގެ އިތުރުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަން އެގޮތަށް ނުހިނގާނެކަން ޔަގީންކޮށްދެއްވުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބުވެސް މަޖިލީހުގެ ރައީސަށް އިލްތިމާސް ކުރައްވާފައިވާކަން ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
މަޖިލީހުގެ ރައީސަށް ރައީސް މި ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ހާލަތުގައި މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރިއަށް ގެންދެވިއިރު ވެސް އެކަން ހައްލުކުރެއްވުމަށް މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ މަސައްކަތްޕުޅެއް ކުރައްވާފައިނުވާ ކަމާއި އަދި ބަންޑާރަ ނައިބުގެ އިލްތިމާސަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަން ހިތާމައާ އެކު ފާހަގަކުރައްވާފައިވެ އެވެ.
މީގެއިތުރުން އެކަން މިހެން ހިނގުމަށް ފުރުސަތު ފަހިވެފައި ވަނިކޮށް އެހާލަތުގައި ސިއްރު ކޮމިޓީއެއްގެ ގޮތުގައި ހިނގާފައިވާ ކޮމިޓީއަކަށް ދައުލަތުގެ ކުރީގެ އަދި މިހާރުގެ މަސްއޫލު ބޭފުޅުން ދެއްވާފައިވާ މައުލޫމާތުތަކެއް މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރެއްވުމަކީ އެކަމުގެ ސަބަބުން ދައުލަތުގެ ދުސްތޫރީ ނިޒާމަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރައިގެންދިޔަ އެ މައުލޫމާތުތައް ދެއްވި ބޭފުޅުންގެ އަމިއްލަ ފަރުދީ ހައްގުތަކެއް ގެއްލި ގައުމީ ސަލާމަތަށް ނުރައްކާވެދާނޭ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މިގޮތަށް މައުލޫމާތު އާންމު ކުރުމަކީ ގާނޫނުއަސާސީގައިވާ މަފްހޫމުތަކާ ހިލާފު ކަމެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާވެސް ހިލާފު ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި އެކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާއިރު އެކަން ހައްލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.