ކަސްޓަމްސްގެ ގަވައިދާ ހިލާފްވި ދެ އުޅަނޑެއް 60000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ގަވައިދާ ހިލާފްވި ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދު ޖޫރިމަނާކޮށްފައި ވަނީ ރާއްޖެ އަށް އައުމަށް ފަހު 12 ގަޑިއިރުވީ އިރު ވެސް އެ ޅަނދުގައި ތިބި ފަސިންޖަރުންނާއި ކުރޫންގެ ލިސްޓް ހުށަނާޅައި ތިބުމާ އަދި އެކަން އެ އުޅަނދުގެ ވެރިފަރާތުން ނާންގާތީ ކަމަށެވެ. އަދި ރާއްޖެ އައިސް 12 ގަޑިއިރުވި އިރު ކަސްޓަމްސް އިންވާޑް ކްލިއަރެންސް ހޯދާފައިނުވާ ކަމަށް ވެސް ކަސްޓަސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނީ އެ އުޅަނދު ޖޫރިމަނާކޮށްފައި ވަނީ 35000ރ. އިން ކަމަށެވެ.

އަދި އަނެއް އުޅަނދު ޖޫރިމަރާކޮށްފައި ވަނީ ރާއްޖޭގެ ބަނދަރަށް އައުމަށް ފަހު އެކަން އުޅަނދުގެ ވެރިފަރާތުން އަންގާފަނުވުމާއި އެ އުޅަނދު ރާއްޖެ އައިތާ 12 ގަޑިއިރު ވީއިރު ވެސް ފަސިންޖަރުންނާއި ކުރޫންގެ ލިސްޓް ހުށައަޅާފައި ނުވާތީ ކަމަށެވެ. އެ އުޅަނދު ޖޫރިމަނާކޮށްފައި ވަނީ 25000ރ. އިންނެވެ.

ނަމަވެސް އެ ދެ އުޅަނދުގެ މައުލޫމާތެއް ކަސްޓަމްސް އިން އާންމެއް ނުކުރެ އެވެ.

ކަސްޓަމްސްގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އުޅަނދެއް ވެސް ރާއްޖެ އަންނަތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ކަސްޓަމްސް އިންވާޑް ކްލިއަރަންސް ހޯދަންޖެހެ އެވެ. އަދި ރާއްޖެ އިން ބޭރުން ރާއްޖެ އަށް އަންނަ އުޅަނދުފަހަރު ރާއްޖެ އަށް އައުމާ އެކު އެކަން އެއުޅަނދުގެ ވެރިފަރާތުން ނުވަތަ އޭޖެންޓުން ކަސްޓަމްސް އަށް އަންގަންޖެހެ އެވެ.