20 Jan 2013, 12:58
ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލު ކުރިމެޗުގައި ދޭއް ސުމަކުން ބާސާ މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިންލަނޑު ކާމިޔާބުކޮށްގެން ސޮސިއެޑާޑުން ލަލީގާ ލިޑަރު ބާސެލޯނާ ބަލިކޮށްފި އެވެ.
ރޭގެ މެޗުގެ ނަތީޖާއާއި އެކު ލަލީގާ މެޗަކުން މިސީޒަންގައި ބަލިނުވެ ބާސާ ހިފަހައްޓަމުން އައި ރެކޯޑް މި ވަނީ ނިމުމަކަށް އައިސްފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ބާސާގެ ރެކޯޑް ބްރޭކިން ސްޓްރައިކަރ ލިއޮނަލް މެސީ އާއި އަދި ޕެޑްރޯ ރޮޑްރިގޭޒް ވަނީ ކެޓަލަން ޓީމަށް ދޭއް ސުމެއްގެ ކުރިއެރުމެއް ހޯދައި ދީފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސޮސިއެޑާޑަށް އުންމީދު އާކޮށްދިނީ ގޮންޒާލޯ ކާސްޓްރޯ ކާމިޔާބު ކޮށްދިން ލަނޑުންވެ. މި ހާފުގައި ބާސާގެ ސެންޓަރ ބެކް ޖެރާޑްޕީކް އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުން ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ދެވަނަ ހާފުގައި ސޮސެއިޑާޑްއިން ކުޅުން އިތުރަށް ރަނގަޅުކޮށް ދިހަ މީހުންނާ އެކު ކުޅެމުންދިޔަ ބާސާ އަށް ކުރަމުންދިޔަ ޕްރެޝަރުގެ ނަތީޖާ އަކަށްވީ ގެގޮންޒާލޯ ކާސްޓްރޯ ހޯމް ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީ ނަތީޖާ ދޭއް ދޭކުން އެއްވަރު ކުރުމެވެ.
ރޭގެ މެޗުގައި ސޮސިއެޑާޑް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކާލޯސް މާޓިނޭޒް ނަގައިދިން ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން އިމަނޯލް އަޖިރެޓްސީ އެވެ.
ރޭގެ މެޗުން ބާސާ ބަލިވުމުން އެ ޓީމާއި ދެ ވަނައިގައި އޮތް އެޓްލެޓީކޯ މެޑްރީޑާއި ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ވަނީ 11 ޕޮއިންޓަށް ކުޑަ ވެފަ އެވެ. ބާސާ އެއްވަނައިގައި އޮތީ 55 ޕޮއިންޓް ހޯދައިގެންނެވެ. އަދި އެތްލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީ 44 ޕޮއިންޓް ހޯދައިގެންނެވެ. ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.