03 Oct 2010, 07:18
ފުލުހުން ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކެއް ފާހަގަ ކޮށް ޕޮލިސް އިންޓެގްރިޓީއަށް "ސިއްރު" ސިޓީއެއް ފޮނުވުމުން ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ ފުލުހުންގެ ކުރީގެ ޗީފް އިންސްޕެކްޓަރު މިރުފަތު ފާއިޒު އެކަން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ހުށަހަޅައިފި އެވެ.
ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ފުލުހުންގެ އިދާރާ އާއި އި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މައްޗަށް ދައުވާވެސް އުފުލާފައިވާ ކުރީގެ ޗީފް އިންސްޕެކްޓަރު، ރައީސް ނަޝީދަށް ފޮނުވާފައިވާ ސިޓީގެ ކޮޕީ ވަނީ ސަންއެފްއެމް އޮންލައިނަށް ލިބިފައެވެ.
ފުލުހުންގެ މީޑިޔާއާބެހޭ އިސްވެރިޔާ ކަމާއި އަދި ފުލުހުންގެ ޗައިލްޑް އެންޑް ފެމިލި ޕްރޮޓެކްޝަން ޔުނިޓްގެ ވެރިޔާ ކަމުގައި ވެސް ހުންނެވި މ. ރަންފަހި މިރުފަތު ފާއިޒު ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ދެ ގަނޑުގެ ސިޓީގައި ބުނަނީ ފުލުހުން ގަވައިދާ ހިލާފަށް އޭނާގެ ފިރިމީހާ ބަންދުކޮށް ސައްހަ ނޫން މައުލޫމާތު ގާޒީންނަށް ދީ، 15 ދުވަހަށް ހައްޔަރު ކުރުމުގެ ކޯޓް އަމުރެއް ނެރެ، ދޫނިދޫގައި ހައްޔަރު ކުރި ކަމަށެވެ. އަދި އެކަމުގައި އިންސާފު ހޯދަން ކަން އޮންނަ ގޮތް ސާފު ކުރުމަށް ފަހު ފުލުހުންގެ އެންމެ އިސްވެރިންގެ އިރުޝާދާއެކު މައްސަލަ "ސިއްރު" ސިޓީއެއްގެ ގޮތުގައު ޕޮލިސް އިންޓިގްރިޓީއަށް ލުމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި އެކަން ރައީސްގެ ސަމާލު ކަމަށް ދެންނެވީ ކަމަށެވެ.
ސަންއެންފްއެމް އޮންލައިނަށް ލިބިފައިވާ ސިޓީގައި ވާގޮތުގައި ފުލުހުން ގަވައިދާ ހިލާފު އަމަލެއް ހިންގިކަން އަންގަން ގާނޫނުގައި ބުނާ ޕޮލިސް އިންޓިގްރިޓީ ކޮމިޝަނަށް ތަފުސީލު ހުށަހެޅީ މިސާލާއި ހެއްކާ އެކުގައި ކަމަށާއި އެ ހަގީގަތްތައް ހޯދަން ކުރި ބުރަ މަސައްކަތް ބަޔާންކޮށްފައިވާނެ ކަމަށް ވެސް އޮވެ އެވެ. އަދި ފުލުހުން ސައްހަ ނޫން މައުލޫމާތު ޖިނާއީ ކޯޓަށް ހުށަހަޅައިގެން މިރުފަތުގެ ފިރިމީހާ ހައްޔަރު ކުރިކަން ހާމަ ވުމުން ކޯޓު އަމުރު މުރާޖާކޮށް ވަގުތުން ދޫކޮށްލުމަށް ކޯޓުން އެންގުމުން، މިރުފަތު ބަދުނާމުކޮށް ފުލުހުންގެ ވަޒީފާއިން އޭނާ ވަކި ކުރީ ކަމަށް ވެސް ލިޔެފައިވެ އެވެ.
"... ދަންނަވަމެވެ، އެފަދަ ތުހުމަތެއް ތަހުގީގު ކުރުމަށް އޮންނަ ފުލުހުންގެ ގަވައިދާ ކޯޓު އަމުރު ހޯދުމަށް ގެންގުޅުއްވާ އާންމު އުސޫލާ ހިލާފު ވެއްޖެކަން އަޅުގަނޑަށް ގަބޫލު ކުރެވުމުން އިންސާފު ހޯދުމަށް ބޭނުންވާ ހަގީގަތް ހޯދުމަށް ކުރި މަސައްކަތްވެސް ވަނީ ފުލުހުން ބަދުނާމު ކުރުމަށް ކަމަށާއި ތަހުގީގަށް ނުފޫޒު ފޯރުވުން ކަމުގައެވެ،" ސިޓީގައި ވެއެވެ.
ސިޓީގައި މިރުފަތު ލިޔުއްވާފައި ވަނީ ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީގެ ރަހަ، ހުވައިކޮށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރަމުންދިޔަ އަންހެން ޒުވާނަކަށް ލިބިގެން ދިޔައީ ރަހުމު ކުޑަ ބޭއިންސާފުވެރި ގޮތަކަށް ކަމަށާއި ރައީސަށް މި ވާހަކަތައް ދެންނެވީ މިއީ ފަރުދީ ގޮތުން ކުރަންޖެހޭނެ ކަމަކަށްވާތީ ކަމަށެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިރުފަތު ވަޒީފާއިން ވަކި ކުރީ އޭނާއާ ގުޅުން ހުރި ކަންތައްތަކެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހު ކަމަށާއި އެއީ ބޯޑުގެ ނިންމުމެއް ކަމަށެވެ.