20 Jan 2013, 11:12
ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފްލައި ދުބާއީގެ ދަތުރުތައް މިއަދު ރާއްޖެ އަށް ފަށައިފި އެވެ.
ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ގޮތުން ރާއްޖެ އައި ފުލައި ދުބާއީގެ ފުލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ޖައްސާފައި ވަނީ މިއަދު ހެނދުނު 6:00 ކަންހާއިރު އެވެ.
ފުލައި ދުބާއީގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އިނާ މޯލްޑިވްސްގެ ބިޒުނަސް ޑިވެލޮޕްމެންޓް މެނޭޖާ އަހުމަދު ރައުހާން މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަދުން ފެށިގެން ފުލައި ދުބާއީގެ ދަތުރުތައް ރާއްޖެ އަށް ފަށާ އިރު ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ފިޔަވައި ކޮންމެ ދުވަހަކު ވެސް އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓުނަށާއި އާންމުންނަށް ވެސް އަމާޒްކޮށްގެން ބާއްވާ އެ ދަތުރުތަކުގައި ފުރަތަމަ ތިން ފުލައިޓްގެ ޓިކެޓް ވިއްކުމަށް ނިންމާފައި ވަނީ ރިޓާން 299 ޑޮލަރު (4610.58ރ.) އަށް ކަމަށާއި އަދި އާންމުކޮށް ޓިކެޓް ވިއްކުމަށް ނިންމާފައި ވަނީ 399 ޑޮލަރު (6152.58ރ.) އަށް ކަމަށެވެ. އަދި ވިދާޅުވީ ދުބާއީއަށް ދާންބޭނުންވާ ފަރާތްތަކުގެ ވިސާގެ ކަންތައް ވެސް 75 ޑޮލަރަށް އިނާ މޯލްޑިވުސް އިން ހަމަޖައްސައިދޭ ކަމަށެވެ.
"ދުބާއީއަށް އެބަ ބޭނުންވޭ ވިސާ، ދެން އަޅުގަނޑުމެނަށް ވިސާ ހޯދުމަށް އެދޭ ތަކެތި ހުށައެޅުމުން ވޯކިން ތުރީ ޑޭސް [މަސައްކަތް ކުރާ ތިން ދުވަހުގެ]ގެ ތެރޭގައި ވިސާގެ ކަންތައް ހަމަޖައްސައިދޭނަން. އަޅުގަނޑުމެންނަކީ [ރާއްޖޭގެ ހުންނަ] ހަމައެކަނި ދުބާއީގެ ގަވަމެންޓުން އޮތޮރައިޒް ވިސާ ޑިސްޓިއުބިއުޓާ،" ރައުހާން ވިދާޅުވި އެވެ.
"ފްލައި ދުބާއީ"ގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ނިންމީ ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކަށްވާ އިރު ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ފުރުސަތު ފުޅާކުރުމަށް ކަމަށެވެ.
"އަހަރުމެންގެ ހިދުމަތްތައް ބަލައިގަންނަ އިރު ރާއްޖެ ފަދަ މަގުބޫލު މަންޒިލަކަށް އުދުހުމުގެ ފުރުސަތު ހުޅުވުމަކީ އަހަރުމެންނަށް ވެސް ލިބުނު ފަހުރެއް،" ފުލައި ދުބާއީގެ ސީއީއޯ ވިދާޅުވެފައިވެ އެވެ.
ދުބާއީން ރާއްޖެ އަންނަ މީހުންގެ ބޮޑު ބައެއް މިހާރު ޑޮމިނޭޓް ކުރަނީ އެމިރޭޓްސް އިންނެވެ.
ފްލައި ދުބާއީއަކީ ފުޅާދާއިރާގެ އެއްގައި ހިންގަމުންދާ އެއާލައިނެކެވެ. އެގޮތުން އެއެއާލައިނުން މިހާރު ވެސް އަންނަނީ 20 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ. އެއާލައިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.