20 Jan 2013, 10:57
އިންޖީނު ހުއްޓިގެން ރާއްޖެއާ ދިމާލަށް އައި ސްރީލަންކާގެ މަސްބޯޓު ކަފުޖަހައިގެން އިންޑިއާގެ ކޯސްޓްގާޑުން ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖެއާ 170 ނޯޓިކަލް ބޭރުން އިންޖީނު ހުއްޓިގެން އޮޔާދާންފެށި ލަންކާ މަސްބޯޓު ''ސިޔާން ޕުތް 1'' ކަފުޖަހައިގެން ގެންދިޔައީ އެ ސަރަހައްދު ޕެޓްރޯލު ކުރަމުންދިޔަ އިންޑިއާގެ މަނަވަރެއް ކަމަށެވެ.
އަދި އެކަން ރާއްޖޭގެ ކޯސްގާޑަށް ރިޕޯޓުކޮށްފައި ވަނީ މުމްބާއީގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިން ރޭ ދަންވަރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެފަދަ އޮޕަރޭޝަންތަކަކީ މެރިޓައިމް ސާޗްއެންޑް ރެސްކިޔުގެ ދަށުން އެފަދަ ޙާލަތެއް މެދުވެރިވާ އިރު އެ އުޅަނދަކާއި އެންމެ ކައިރީގައި އޮންނަ އުޅަނދަކުން އެހީތެރިވާ ގޮތަށް ހަމަޖެހިގެން ހިނގަމުންދާ ކަންތައްތަކެއް ކަމަށެވެ.
ހަ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ އެބޯޓު އިންޖީނު ހުއްޓިގެން ރާއްޖޭގެ ކޯސްޓުގާޑަށް އަންގާފައި ވަނީ އިއްޔެރޭ ދަންވަރު އެވެ.