ނިޔުޔޯކް (ޖަނަވަރީ 20): ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ގިނައިން މަރުވަމުންދަނީ ކުޑަކުދިން ކަމަށް ކުޑަކުދިންނާބެހޭ އދ. ގެ ފަންޑް "ޔުނިސެފް" އިން ބުނެފި އެވެ.

އެ ޖަމްޢިއްޔާ އިން ބުނީ ސޫރިޔާގެ ސަރުކާރުންނާއި އިދިކޮޅު ހަނގުރާމަވެރިން ވެސް ކުޑަކުދިންގެ ފުރާނައަށް އެއްވެސް ވަރަކަށް ނުބަލާތީސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އެންމެ ބޮޑު އަގެއް ދައްކަން ޖެހިފައި ވަނީ ކުޑަކުދިންނަށް ކަމުގަ އެވެ. އުތުރު އެފްރިކާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ޑިރެކްޓަރު މާރިޔާ ކެލިފީސް ވިދާޅުވީ ސޫރިޔާގެ ކުޑަކުދިންގެ ޙާލަތަކީ ވަރަށް ވޭންދެނިވި ޙާލަތެއް ކަމަށާއި ސޫރިޔާގައި މިހާރު އެންމެ ބޮޑަށް ޙާލުގައި ޖެހިފައިވަނީ ވެސް ކުޑަކުދިން ކަމުގަ އެވެ. މީގެތެރޭގައި ސޫރިޔާގައިވާ ފަލަސްތީނުގެ ރެފިއުޖީ އަވަށްތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދާ ގަދަފަދަ ޙަމަލާތަކުގައި ސޫރިޔާއާއި ފަލަސްތީނުގެ ބައެއް ޢާއިލާތައް އެއްކޮށްވަނީ އެއްކޮށްނެތި ފަނާވެގެން ގޮސްފަ އެވެ. ރެފިއުޖީންނާ ބެހޭ އދ.ގެ ހައިކޮމިޝަނަރ ބެނަސް މޮމްޓެޒީސް ވެސް ވަނީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖްރަކޮށްފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައަކީ ވެސް ކުޑަކުދިންކަން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސޫރިޔާގެ ޢާއިލާތަކަކީ ޢާންމުގޮތެއްގައި އަށް ކުދިންނާއި 10 ކުދިން ހިމެނޭ ބޮޑެތި ޢާއިލާތަކެއް ކަމަށާ ރެފިއުޖީންގެ ތެރޭގައި ކުޑަކުދިން ގިނަވަނީ ސޫރިޔާގެ ޢާއިލާތަކުގައި ކުޑަކުދިން ގިނަވުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި 60 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. ން ބުނެ އެވެ. (އަލްޖަޒީރާ)