20 Jan 2013, 10:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އިންޑިޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޓަކައި އެ ދަތުރުފުޅު ހަމަޖެއްސެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިޔާ އަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން އިންޑިޔާ ސަރުކާރުން އެކަމާ ދެކޮޅުހަދައިފި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިންޑިޔާގެ "ދައިންޑިއަން އެކްސްޕްރެސް"ގައި މިއަދު ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ރައީސް ވަހީދު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޓަކައި އެކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ވަނީ ދިއްލީ އަށް ވަޑައިގެން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށް ވެއެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ރައީސް ވަހީދު އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވުމަށާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ރަސްމީ ގޮތުން އެ ގައުމަށް ވަޑައިގަތުމަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދާފައި ވަނީ، އިންޑިޔާގެ ޖީއެމްއާރު މައްސަލައިގައި އުފެދުނު ނުތަނަވަސް ކަމެއްގެ ސަބަބުން ރާއްޖޭގައި މިހާރު އޮތް ސަރުކާރަށް އިންޑިއާ އިން ތާއީދު ނުކުރާކަމުގެ ވަރުގަދަ ސިގްނަލެއް ދިނުމަށް ކަމަށް އިންޑިއަން ދައިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެ އެވެ.
ރައީސް ވަހީދު އެންމެފަހުން އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސިޔާސީ އެއްވެސް ޕްރެޝަރަކާ ހެދި ޖީއެއްއާރު މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމެއްވާ ގޮތަށް އެއްވެސް ކަމެއް ނުކުރައް ވާނޭ ކަމަށް ބޮޑުވަޒީރު މަންމޯހަން ސިންގުގެ އަރިހުގައި ވިދާޅުވި ކަމަށާއި އެހެން ނަމަވެސް ފަހުން ކަންތައް ނިމިދިޔަ ގޮތުން މަންމޯހަން ސިންގުގެ ކުރިފުޅުމަތީގައި ރައީސް ވަހީދުގެ އިތުބާރު ވަނީ ގެއްލިފައި ކަމަށް އެ ނޫހުން ހަބަރު ފަތުރާފައިވެ އެވެ.
ދައިންޑިއަން އެކްސްޕްރެސްގައި އިތުރަށް ބުނެފައި ވަނީ، ރާއްޖެއާއި އިންޑިޔާއާއި ގުޅުންތައް ގޯސްވެގެން ދިއުމުގެ ސަބަބުން އިންޑިޔާ އިން ވަނީ މިހާރު ވެސް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން އިންޑިޔާގައި ދިގު މުއްދަތަކަށް ދިޔުމުގައި އުނދަގޫތަކެއް ކުރިމަތި ކުރުވުމާއި ވިސާގެ މައްސަލައާއި އަދި ރާއްޖޭގެ ބޯޓުފަހަރު އިންޑިޔާގެ ބަނދަރުތަކުން މުދާއެރުވުމަށް ހުރަސްތަކެއް ކުރިމަތި ކުރުވުން ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް އިންޑިއާގެ ނޫހެއްގައިވާ ވާހަކަ ރާއްޖޭގެ ފޮރިން މިނިސްޓްރީއަކުން އަދި ކަށަވަރެއް ނުކޮށްދެއްވަ އެވެ. ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިއާގެ ނޫހެއްގައި ޖަހާފައިވާ ހަބަރާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ވަރަށް އަވަހަށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.