ދަށު ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރުމަށް ބާރު އަޅައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފައްދަވަން އުޅުއްވި ޖުޑީޝަލް ރިފޯމް ކޮމިޝަނާ ބެހޭ މަސައްކަތުގައި ރައީސް އޮފީހުގައި އިސްކޮށް، މަސައްކަތް ކުރެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފި އެވެ.

އެ ބޭފުޅުންގެ ނަންތައް ހާމަކުރީ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ނަޝީދު ކުރައްވަވާފައިވާ ކަމަށް ބުނާ ކަންތައްތައް ބެލުމަށް އުފެއްދެވި މަޖިލީހުގެ ވަގުތީ ކޮމެޓީންނެވެ. ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން ވަނީ ރައީސް ނަޝީދު އުފައްދަވަން އުޅުއްވި ކޮމިޝަނާ ބެހޭ މައުލޫމާތު އެ ކޮމެޓީ އަށް ފޮނުވައި ދިނުމަށް ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެދިފަ އެވެ.

ރައީސް އޮފީހުން ކޮމެޓީ އަށް ފޮނުވި މައުލޫމާތުތައް ކޮމެޓީގެ މެންބަރުންނާ ހިއްސާކޮށް، އެ މައުލޫމާތުތައް ވަނީ ކޮމެޓީ އަށް އިއްވައިފަ އެވެ.

ރައީސް އޮފީހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖުޑީޝަލް ރިފޯމް ކޮމިޝަން އުފެއްދުމަށްޓަކާ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އޮފީހުން މަސައްކަތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަދި ކެބިނެޓް ސެކަރެޓަރީ، މ. ނޫހިރު ހިސާން ހުސައިނާއި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ޅ. ހިންނަވަރު އަބްދުލްހަމީދު އަބްދުލް ކަރީމް ކަމަށެވެ. އަދި ގަރާރު ލިޔެ ތައްޔާރު ކުރުމުގެ މަސައްކަތް ކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރު، ގ. ސިރިބިން މަރިޔަމް ޝަރޫޒާ މުހައްމަދު ކަމަށެވެ.

ދަށު ކޯޓުތަކުގެ ހުކުމްތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކުރުމަށާއި އެ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ނުދޭން ރައީސް މުހަންމަދު ނަޝީދު ނެރުއްވަން އުޅުއްވި ގަރާރުގެ ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރު ކުރުމަށް ތައްޔާރުކޮށްފައި އޮތް ކަމަށް ވެސް ސިޓީގައި ބުނެ އެވެ. އަދި އެ ހަބަރު ތައްޔާރު ކުރީ މިހާރު ވެސް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ހުސައިން އާމިރު ކަމަށެވެ.

ހަތް މެންބަރުންގެ ވަގުތީ ކޮމެޓީ އަށް ރައީސް އޮފީހުގެ ކެބިނެޓް ސެކަރެޓަރީ އަބްދުﷲ ނަޒީރު ފޮނުއްވެވި ސިޓީގައި ވާގޮތުން ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އުފައްދަވަން އޭރުގެ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީކަންކަން ބެލުމަށާއި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ސުޕީރިއާ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ހުކުމް ތަންފީޒު ނުކުރުމަށް ޓަކައި ނެރުއްވަން އުޅުއްވި ގަރާރު ސޮއިކުރައްވައި އެ ކޮމިޝަން އުފެއްދެވުމަށް ހަމަޖެއްސެވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖެނުއަރީ 24، 2012ގައި ހއ. އުތީމުގައި ބާއްވަން އުޅުއްވި ޖަލްސާގައި ކަމަށެވެ. ނަމަވެސް އެ ގަރާރުގައި ރައީސް ނަޝީދު ސޮއި ކުރައްވާފައި ނުވާ ކަމަށް ރައީސް އޮފީހުން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ޖުޑީޝަލް ރިފޯމް ކޮމިޝަނަށް އައްޔަން ކުރަން އުޅުނު ބޭފުޅުންގެ ނަންތައް ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އެގޮތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މާރިޔާ އަހުމަދު ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހްމަދު މުއުތަސިމް އަދުނާންއާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަރީފާއި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ކޮމިޝަނަށް އަހްމަދު އަބްދުﷲ އަފީފު އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ބޭފުޅުންގެ ތެރެއިން ދެ ފަނޑިޔާރުން ފިޔަވައި ދެ ބޭފުޅަކު ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ. މާރިޔާ އާއި އަފީފު ކޮމެޓީގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަންގެ މެންބަރުކަމުގެ ދައުވަތު ލިބިވަޑައިގެންނެވި ކަމަށާއި އެކަމަށް އެބަސްވެވަޑައިގެންނެވި ކަމަށެވެ.